ރައީސުލްޖުމްހޫރިއްޔާ، ޖަރުމަނުވިލާތުގެ ޝްވައިބިޝް ހޯލްގެ ހެޑް އޮފް ޕޮލިސް އޮތޯރިޓީއާ މިއަދު ބައްދަލުކުރައްވައިފި

26 އޯގަސްޓް 2010

hep-german

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުގެ ޝްވައިބިޝް ހޯލްގެ ހެޑް އޮފް ޕޮލިސް އޮތޯރިޓީ ބްރިގޭޑިއަރ ޖެނެރަލް ގަންތާ ފްރީސްލެބެނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ, މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ދެމެދުގައި ފުލުހުންގެ ދާއިރާގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ.

ބްރިގޭޑިއަރ ޖެނެރަލް ގަންތާ ފްރީސްލެބެންގެ މި ދަތުރުފުޅަކީ, ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޖަރުމަނު ޗާންސެލަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ބައެއް ކަންތައްތަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، ފުލުހުންގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާއެކު ބްރިގޭޑިއަރ ޖެނެރަލް ގަންތާ ފްރީސްލެބެން މަޝްވަރާ ކުރައްވާނެއެވެ.