އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ޢަލީ ވަޙީދު ފުލުސް އޮފީހަށް ޙާޟިރުކުރާ މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދު، އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެގެން ނުވާ ކަންކަމުގައި، މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ޙާޟިރުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމަށް އަރާހުންނެވި ޢަބްދުﷲ ރިޔާޒުގެ ފަރާތުން ޗިޓް ފޮނުވައި، ޢަލީ ވަޙީދަށް ގޯނާކޮށް ބިރުދައްކަމުންދާ ދިއުން މި ޕާރޓީން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

އެމް.ޑީ.ޕީ ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދު، މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ މަސައްކަތްތަކުގައި އަވެދިނެތި އުޅުއްވަމުން ގެންދަވާ ވަގުތާ ދިމާކޮށް އެމަނިކުފާނަށް ޢަބްދުﷲ ރިޔާޒުގެ އަމުރަށް 14 ސެޕްޓެމްބަރ 2013 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހާޟިރުވުމަށް ވަނީ ޗިޓް ރައްދުކޮށްފައެވެ. މިކަމަކީ އެމް.ޑީ.ޕީ އިން ކުރަމުންގެންދާ ރިޔާސީ ކެމްޕޭނަށް ހުރަސްއަޅައި މި ޕާރޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޢަލީ ވަޙީދު ރިޔާސީ އިންތިޚާބުގައި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ހީވާގި ކެމްޕޭނުގެ މަސައްކަތްޕުޅުތަކަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ޢަބްދުﷲ ރިޔާޒު ރާވައި ހިންގަމުން ގެންދާ އަމަލުތަކެއްކަން ފާހަގަކުރަމެވެ.

އެއްވެސް ހަމައެއް އުސޫލެއް ނެތް ގޮތަށް ޢަބްދުﷲ ރިޔާޒު މިފަދައިން އަމަލުކުރައްވަމުންދާ ސަބަބަކީ އޭނާއަކީ ބަޣާވާތުގެ ބައިވެރިއަކަށް ވާތީއާއި ، ރައްޔިތުންނަށް ޖިސްމާނީ އަނިޔާކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، އަދި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައި އޭނާ ނުރުހޭ ރިޔާސީ ކެންޑިޑޭޓަކަށްވާނަމަ ފާޅުގައި އެންޓި ކެމްޕޭން ކުރައްވާ ބޭފުޅެއްކަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ގެ ތަޙުޤީޤުން ވެސް ސާބިތުވާ ބޭފުޅަކަށްވާތީއާއި، އެހެންކަމުން އެބޭފުޅާއަކީ ޤާނޫނާ މުޅިން ޚިލާފުވެ، އަދި މިހާރު މުޅިން ގޮތް ހުސްވެފައިވާ ބޭފުޅެއްކަމަށްވާތީކަމުގައި ދެކެމެވެ.

ވީމާ، މި ޕާރޓީގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަލީ ވަޙީދު ކުރައްވަމުންގެންދާ ކެމްޕޭނުގެ ބުރަ މައްސައްކަތްޕުޅަށް ހުރަސްއެޅުއްވުމުގެ ގޮތުންނާއި އެމަނިކުފާނަށް ބިރުދައްކަވައި ގޯނާކުރެއްވުމުގެގޮތުން ޢަބްދުﷲ ރިޔާޒު ހިންގަވާ ފިނޑި އަމަލުތައް ވަގުތުން ހުއްޓާލެއްވުމަށް ޢަބްދުﷲ ރިޔާޒަށް މި ޕާރޓީން ގޮވާލަމެވެ.

12 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް