ޑީއާރުޕީއަށް ޝުކުރާއެކު މަރުހަބާ ދަންނަވަން.

2013 ސެޕްޓެމްބަރ 28 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއީދުކުރަން ޑީއާރުޕީން ނިންމިކަމީ ދިވެހިރާއްޖޭގައި އުފެދި އަށަގަންނަމުން އަންނަ ޑިމޮކްރަސީއަށް ލިބުނު އާ ހިތްވަރެކެވެ. ދިވެހިރާއްޖެއަށް ހެޔޮވެރިކަމެއް ގެނެސް ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްޤީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ޑީއާރުޕީން ތާޢީދުކުރެއްވުމަށް ނިންމެވި ނިންމެވުމަށް މި ޕާޓީން ޝުކުރުވެރިކަމާއެކު މަރުހަބާ ދަންނަވަމެވެ.

އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމެވެ. ރާއްޖޭގެ ރައްޔިތުންގެ ވިންދު ގުޅިފައިވަނީ އެ ރައްޔިތުންގެ އާންމު ޙާލަތު ރަނގަޅުވުމާއެވެ. އެމްޑީޕީން ކުރަމުން މިއަންނަ މަސައްކަތުގައި ދިވެހިރާއްޖެ ތަރައްޤީކުރުމަށާއި ބާރަށް ކުރިއަށް ގެންދިއުމަށް ޑީއާރޕީން ކަމަރު ބަނދެގެން ތިބި ކަމީ ރާއްޖޭގެ ރައްޔިތުންވެސް އުފަލާއެކު ބަލައިގަންނަ ކަމެކެވެ.