ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް އެމްޑީޕީއިން ތަދައްޚުލު ވުމަށް ނިންމައިފިއެވެ. 7 ސެޕްޓެމްބަރ ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިޖާ ޤަބޫލުނުކޮށް ޖުމްހޫރީ ގުޅުމުން ހައިކޯޓަށް ހުށަހެޅި މައްސަލައަށް އެމްޑީޕީން ތަދައްހުލްވާން ނިންމީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓަކީ މި އިންތިޚާބުގައި ބައިވެރިވެވަޑައިގެންފައިވާ ކެންޑިޑޭޓްއަކަށް ވާތީއާއި އަދި އެއްމެބޮޑު ކާމިޔާބީއެއް ފުރަތަމަ ބުރުން ހޯއްދެވި ކެންޑިޑޭޓް ކަމަށްވެސް ވާތީ، މި ރިޔާސީ އިންތިޚާބާ ބެހޭގޮތުން ޖޭޕީއިން ޝަރިއްޔަތަށް ހުށަހެޅި މައްސަލައަކީ މި ޕާޓީގެ މަސްލަހަތު އޮތް ކަމަކަށް ވާތީވެކަމަށް މާފަންނަ އުތުރު ދައިރާގެ މަޖިލިސް މެމްބަރ އަދި ޕާޓީގެ ސްޕޯކްސްޕާސަން އަލްއުސްތާޛް އިމްތިޔާޒު ފަޙުމީ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއިން ހައިކޯޓަށް ހުށަހަޅާފައިވަނީ އިންތިހާބުގައި ވޯޓުލީ މީހުންގެ ރަޖިސްޓްރީ ހޯދުމަށެވެ. އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ޖުމްހޫރީ ގުޅުމުންވަނީ އެލިސްޓު ހޯދަން އިލެކްޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އިލެކްޝަނުންވަނީ ކޯޓު އަމުރެއް ނެތި އެލިސްޓު ދޫކުރުމަށް އިއުތިރާޒުކޮށްފައެވެ.