މެލޭޝިޔާގައި އެމްޑީޕީގެ “ދަތޯ ޖަގަހަ” ހުޅުވައިފި

މެލޭޝިޔާގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ “ދަތޯ ޖަގަހަ” މިއަދު (11 ސެޕްޓެމްބަރ 2013) ހުޅުވައިފިއެވެ. މެލޭޝިޔާގައި މިއަދު ހުޅުވި ޖަގަހަ ހުޅުއްވައިދެއްވީ (AAA) ގެ އޯނަރ އަބަދުﷲ ޢަލީ އެވެ. މިޖަގަހައަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރުކުރުމުގެ މަސައްކަތްކުރުމަށްޓަކައި ހުޅުވިގެންދިޔަ ޖަގަހައެކެވެ.

އެމްޑީޕީއަށް މެލޭޝިޔާއިން ގިނަ އަދަދެއްގެ ވޯޓު ލިބިފައިވާއިރު މެލޭޝިޔާގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުގެ އަމާޒަކީ ދެވަނަ ބުރުގައި ކުރިން ލިބުނު ވަރަށް ވުރެ ވޯޓު އިތުރުކުރުމެވެ. މިގޮތުން މިޖަގަހަ މެދުވެރިކޮށް މެލޭޝިޔާގައި ވޯޓުލުމަށް ހަމަޖެހިފައިވާ ދިވެހިންނާއި ބައްދަލުކޮށް ޕާޓީގެ މެނިފެސްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެމްޑީޕީގެ 3 އަހަރު ރާއްޖޭގައި ހިންގުނު ތަރައްޤީގެ މަޝްރޫއުތަކާއި ވައުދުތައް ފުއްދުމަށް ކުރެވުނު މަސައްކަތާއި ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.