ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް މުޙައްމަދު ޖަމީލު އަޙުމަދު ދެއްވި ނުރައްކާތެރި ޣައިރު ޤާނޫނީ އިންޒާރު ކުށްވެރިކުރުން

noosbayan

ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ރޭގައި މާލޭގައި ބޭއްވި އާންމު ޖަލްސާއެއްގައި އެޕާރޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު މިރާއްޖޭގެ ރައްޔިތުން ވޯޓުދެއްވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރެއްވި ނަމަވެސް އެމަނިކުފާނާ ރާއްޖޭގެ ވެރިކަން ހަވާލުނުކުރައްވާނޭކަމަށް ވިދާޅުވެ އޭނާ ދެއްވި ނުރައްކާތެރި އިންޒާރު އެމް.ޑީ.ޕީ އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މިނުރައްކާތެރި އިންޒާރަކީ ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު މިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ރައްޔިތުންގެ ބާރުވެރިކަން ކަނޑުވާލުމަށް އޭނާ ނިންމަވާފައިވާކަމާއި ދެވަނަ ބަޣާވާތަކަށް ތައްޔާރުވަމުންދާކަން ފާޅުކަން ބޮޑުގޮތެއްގައި ޢިއުލާނުކުރެއްވި ކުރެއްވުމެއްކަމުގައި މި ޕާރޓީން ދެކެމެވެ. ނަމަވެސް އެފަދަ ފުރުސަތެއް އޭނާއަށް ނުދޭނޭކަމުގެ ޔަޤީންކަން އެންމެހައި ރައްޔިތުންނަށް މިޕާރޓީން އަރުވާ ވާހަކަވެސް ދަންނަވަމެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، އަނެއް ތިން ކެންޑީޑޭޓުންގެ މައްޗަށް ހޯއްދެވި އާދަޔާ ޚިލާފު ބޮޑު ކާމިޔާބީގެ ސަބަބުން ނުތަނަވަސްވެ، ރުންކުރުވެ، ކޯފާ އިސްކުރައްވައިގެން ހުންނަވައި ޕީ.ޕީ.އެމް ގެ ރަނިންގ މޭޓް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި އެމް.ޑީ.ޕީ ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް މިބާވަތުގެ އިންޒާރުދެއްވާފައި އެވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ޕީ.ޕީ.އެމް ބަލިވިފަދައިން ދެވަނަ ބުރުން ވެސް ބޮޑު ބައްޔަކުން ބަލިވާނޭކަން ކަށަވަރުވާތީ މުޅިން ގޮތް ހުސްވެގެންކަމަށް ދެކެމެވެ.

އެންޓި ކޭމްޕޭން ނޫންކަމެއް ހިމެނިފައި ނެތް ދަށުދަރަޖައިގެ އެ ޖަލްސާގައި ޕީ.ޕީ.އެމް. ގެ ރަނިންގ މޭޓް ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދު އެ ނުރައްކާތެރި ޣައިރު ޤާނޫނީ ވާހަކަ ދައްކަވާފައިވާތީ އެ ޖިނާޢީ މައްސަލަ މިހާރުން މިހާރަށް ތަޙްޤީޤުކުރައްވައި އޭނާގެ މައްޗަށް ދައުވާކުރެއްވުމަށް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކަށް މި ޕާރޓީން ގޮވާލަމެވެ.

11 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް