95000 ރައްޔިތުން ވޯޓު ދެއްވީ ބަޣާވާތާއި ދެކޮޅު ހަދާ ޑިމޮކްރެސީ އާއި ތަރައްޤީއަށްޓަކައި: ރައީސް ނަޝީދު

9203

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 95000 ރައްޔިތުން ވޯޓު ދެއްވީ ބަޣާވާތާއި ދެކޮޅު ހަދާ ޑިމޮކްރެސީ އާއި ތަރައްޤީއަށްޓަކައިކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރޭ (11 ސެޕްޓެމްބަރ 2013) ކުޑަ ހެންވޭރު ޖަގަހަ ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖޭގައި ދޭތެރެދޭތެރެއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެނޫންވެސް ހައްގުތައް ލިބެމުން އައިކަމަށާއި އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެހައްގުތައް ލިބިފައިނެތްކަމަށް ރޭ ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީއަށް ވޯޓު ދިނީ އެމިނިވަންކަން ދަމަހައްޓާ، ރާއްޖެ ތަރައްޤީކުރަންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރު ނިމި 4 ދުވަސް ވެގެންދިޔައިރު އެމްޑީޕީއާއި ވާދަކުރާނެ އިއްތިހާދެއް މިއަދު ނުހެދިފައިވާކަމަށާއި، އެއީ މުޖުތަމައުގައި އެރޫހާއި ޖޯޝު ނެތީމާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކުރިން 2008 ވަނަ އަހަރު އިއްތިހާދުވީ މުޅިން އެހެން ރާއްޖެއަށް ހޯދައި، 30 އަހަރުގެ ވެރިކަން ބަދަލުކުރުމުގެ ޖޯޝުގައިކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ އިއްތިހާދަކީ ތަބީއީކަމެއްކަމަށާއި، އެއީ އޮއިވަރެއްކަމުން ސިޔާސީ ވެރިންނަށް ނިންމުން ނިންމަށް ފަސޭހަވާނޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އާއި ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީންގެ ވެރިކަމެއް ވަރުގަދަކޮށްގެންވާނޭކަމެއް ދެންތިބި ސިޔާސީ އިސްބޭފުޅުންނަށް ނެތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްއަށްވެސް އެފަދަ ވެރިކަމެއްގައި އުޖާލާކަމެއް ނުލިބޭނެކަމަށް ވިދާޅުވިއެވެ. އަދި ގާސިމް އިބްރާހިމްގެ ވިޔަފާރި އަކީ ދައުލަތަށް މުހިންމު ވިޔަފާރިއެއްކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެބޭފުޅާގެ ވިޔަފާރިއަށް ކުޑަ ލޮޅުމެއްވެސް އެރިޔަނުދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިދިކޮޅުން ވާދަކުރައްވާ ޕީޕީއެމްއަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެޕާޓީއަކީ 50ހާހުގެ ކުޑަ ޕާޓީއެއްކަމަށެވެ. މިއަދު ޕީޕީއެމްއިން ނިކުމެ ރައްޔިތުންނަށް ވައުދު ވަމުންދާއިރު 30 އަހަރު އެކަން ނުވީ ކީއްވެތޯ ރައްޔިތުން އަހާކަމަށް އެމަނިކުﷲނު ވިދާޅުވިއެވެ. ޔާމީން އިކޮނޮމިކް މިނިސްޓަރަށް ހުންނެވިއިރު ރާއްޖޭގެ ތަރައްޤީއަށް އަހަރަކު ބަނދަރެއް، ފެނާއި ނަރުދަމާ ހަމައެކަނކި މާލޭގައި އެޅިފައި އޮތީ ކީއްވެތޯ ރައްޔިތުން ސުވާލުކުރާކަމަށް ވިދާޅުވިއެވެ.

ސިޔާސީ މަސްރަހް ބައްޓަންވަމުންދާގޮތް އެންމެނަށް މިހާރު އެބަފެންނަކަމަށާއި ފަހުބުރުގައި ލިބޭނެ ނަތީޖާވެސް ގާތްގަނޑަކަށް އޮތީ ފެނިފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 7 ވަނަ ދުވަހު އިންތިޚާބު ކާމިޔާބުނުވުމުން އެހެން ބޭފުޅުންގެ ކަންކަމަށް ވިސްނުމަށް ވަގުތު އެބަލިބޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތު އިދިކޮޅު ވާދަވެރިންނަށް ދިވާވެދާނެ ދަތުރާމެދު ވިސްނަން ޖެހޭކަމަށާއި ހަރުދަނާ ސިޔާސަތެއް ހިންގޭނީ ސުލްހަ ގާއިމްވެގެންކަމަށް ވިދާޅުވިއެވެ.