މަތި އުތުރު ޕްރޮވިންސަށް ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ގޭހުގެ ޚިދުމަތް ފޯރުވައިދިނުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި

25 އޯގަސްޓް 2010

mathi-uthuru-450-x-234

މަތި އުތުރު ޕްރޮވިންސްގެ ހުރިހާ ރަށަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، އަދި ގޭހުގެ ޚިދުމަތް ފޯރުވައިދިނުމަށްޓަކައި އަޕަރ ނޯތް ޔޫޓިލިޓީޒް ލިމިޓެޑާއި އެމެރިކާގެ މާރސިއެލް އިންޓަރނޭޝަނަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި، އަޕަރ ނޯތް ޔޫޓިލިޓީޒް ލިމިޓެޑްގެ ފަރާތުން މިއެގްރީމެންޓްގައި ސޮއި ކުރެއްވީ، އެކުންފުނީގެ މެނެޖިންގ ޑައިރެކްޓަރ ޢަބްދުﷲ ވަޙީދެވެ. އަދި މާރސިއެލް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ބްރެޑްލީ ސްމީގަލްއެވެ.

މި އެގްރީމަންޓްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެގްރީމެންޓްގެ ދަށުން، އަޕަރ ނޯތް ޔޫޓިލިޓީޒް ލިމިޓެޑާއި މާރސިއެލް އިންޓަރނޭޝަނަލް ގުޅިގެން މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ ހުރިހާ ރަށަކަށް ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ގޭހުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި އެގްރީމެންޓްގެ ދަށުން، މަތި އުތުރު ޕްރޮވިންސްގެ ހުރިހާ ރަށަކަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި 180 މިލިއަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރާތާ 60 ދުވަހުގެ ތެރޭގައި ޕްރޮވިންސްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރައްޔިތުންނަށް ކައްކާ ގޭސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިގެން ދާނެއެވެ. މީގެ އިތުރުން، މި މުއްދަތުގައި ޕްރޮވިންސްގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ ގޮތް ހަމަޖެހި، މިއަހަރުގެ ތެރޭގައި ޕްރޮވިންސްގެ ރަށްރަށުގެ ނަރުދަމާގެ މަސައްކަތް ފެށިގެންދާނެއެވެ.