ބިރަކާއިނުލާ ބާރަށް ކުރިއަށް ވަޑައިގަތުމަށް ރައްޔިތުން ބުނެފި : އަޙްމަދު ނާޝިދު

2137

ބިރަކާއިނުލާ ބާރަށް ކުރިއަށް ވަޑައިގަތުމަށް ރައްޔިތުން ބުނެފިކަމުގައި އަޙްމަދު ނާޝިދު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގެ ކުރިން ހުންނެވުމަށްފަހު ރޭ (9 ސެޕްޓެމްބަރ 2013)ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގަތް އަޙްމަދު ނާޝިދު ގަލޮޅު ދެކުނުގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ 95000 ރައްޔިތުން ވަރަށް ބާރަށް އެމްޑީޕީއާއި ގުޅިގެން ނިކުތުމަށް ބުނި އަޑު އިވިއްޖެކަމަށެވެ.

ޖުމްހޫރީ ޕާޓީ އުފެއްދުމުގައި ހަރަކާތެރިވިކަން ފާހަގަކުރައްވަމުން ނާޝިދު ވިދާޅުވީ އެމްޑީޕީ 2008ވަނަ އަހަރު އިއްތިހާދު ރޫޅިގެން ދިޔުމާއެކު ސިޔާސީ ކަންތައްތަކުން އެއްކިބާވެގެން ހުރިކަމަށެވެ. އެހެންނަމަވެސް މިއަދު އަނެއްކާވެސް ރައްޔިތުން އެހެން ޕާޓީތަކަށް ނޫނެކޭ ބުނުމުން ދެން އަނެއްކާ ސިޔާސީ ދާއިރާއަށް ނިކުމެ އެމްޑީޕީ އާއި ގުޅިވަޑައިގަތީކަމުގައި ނާޝިދު ވިދާޅުވިއެެވެ.
އިއްތިހާދު ހަދާ ވާހަކައަށް އަލިއަޅުވައިލައްވަމުން އެ އިއްތިހާދު ހަދާ އެމްޑީޕީއަށް ވޯޓުދިން 95000 މީހުންނާއި ޖައްސާލުމުން ގައުމުގެ މަސްލަހަތު ނުހިފެހެއްޓޭނެކަމުގައި ނާޝިދު ވިދާޅުވިއެވެ. ގައުމުގެ ތަރައްޤީއަށް ހުރަސްއެޅޭނެކަމުގައި ވިދާޅުވިއެވެ. ސެޕްޓެމްބަރު 28 ވަނަ ދުވަހު އެމްޑީޕީއަށް ވޯޓު ދެއްވައި ގައުމަށް ތަރައްޤީއަށް މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުން ގާތު ނާޝިދު ރޭ އެދިވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު އަދި ގަލޮޅުގެ ކުރީގެ އަވަށުވެރިޔާ އަޙްމަދު އަބްދުﷲވެސް ވާހަކަފުޅުދެއްކެވިއެވެ.