ރައީސް ނަޝީދަށް ދެއްވާ ވޯޓަކީ ޑިމޮކްރެސީއަށް ދެއްވާ ވޯޓެއް ކަމަށާއި ރާއްޖޭގެ މުސްތަގްބަލާއި ތަރައްގީ އަށް ދެއްވާ ވޯޓެއް ކަމަށް މާލެ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ ގަލޮޅު އަވަށު ވެރިޔާ އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރޭ (9 ސެޕްޓެމްބަރ 2013) ގައި ގަލޮޅު ދެކުނު ޖަގަހަ ކަންމަތީގައި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު އަބްދުﷲ ވިދާޅުވިގޮތުގައި ރައީސް ނަޝީދައް ދެއްވާ ވޯޓަކީ ރައްޔިތުންގެ އުފާ ފާގަތި ކަމަށާއި މިނިވަން ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ރޫހަށް ދެއްވާ ވޯޓެކެވެ. ރައްޔިތުންގެ ބޭނުންތަކާއި އުއްމީދުތައް އެމީހުންގެ ކައިރިޔަށް ގޮސް ފުއްދައި ދޭނެ ބޭފުޅަކީ ރައީސް ނަޝީދުކަމަށް ރައްޔިތުން ގަބޫލުކުރާކަން ފާހަގަ ކުރައްވަމުން އަހްމަދު އަބްދުﷲ ވިދާޅުވިގޮތުގައި ރައްޔިތުން މިިއަދު ބޭނުންވަނީ ޒަމާނަށް އަންނަ ބަދާލާއެކު ރާއްޖެޔަށްވެސް ތަރައްގީ އައުމެވެ.
ހަމައެހެންމެ ރައްޔިތުންގެ އުއްމީދު ތަކަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބިންގާތައް ބިނާކޮށް އާލާކޮށް އިސްލާމް ދީނުގެ ބިންގަލުގެ މަތީގައި ތަރައްގީގެ ކަންތައްތައް ކުރިޔަށް ގެންދިޔުން ކަމަށް ވިދާޅުވަމުން ރައްޔިތުން ބޭނުންވާ ކަންތައްތައް އަމަލީ ގޮތުން ފަސޭހަކަމާއެކު ކުރިޔަށް ގެންދެވޭނީ ރައީސް މުހައްމަދު ނަޝީދައްކަންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
7 ސެޕްޓެމްބަރުގައި ނިމުނު ރިޔާސީ އިންތިޚާބުގެ ފުރިހަމަ ބުރަށް އަލި އަޅުވާލަމުން އެމަނިކުފާން ވިދާޅުވިގޮތުގައި އެމްޑީޕީއަށް ލިބިގެންދިޔަ 95000 ވޯޓަކީ ކުޑަކުޑަ އެއްޗެއް ނޫން ކަމަށާއި އެއީ ގާތްގަނޑަކަށް މުޅި އިންތިހާބު ކާމިޔާބު ކުރުމެވެ. އަދި އެއީ މުޅި ރާއްޖެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް އާޔެކޭ ބުނުން ކަމަށް ސިޔާސި މައްސަލަތައް ތަހުލީލު ކުރާ ފަރާތްތައް ދެކޭކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ ރައީސް ނަޝީދަށާއި ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީއަށް މަރުހަބާ ދަންނަވާފައެވެ.
ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ މުސްތަގްބަލާއި އުފާ ފާގަތިކަމާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރުމަށް 28 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޖޭގެ ހުރިހާ ރައްޔިތުންވެސް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލެއްވުމަށް ގޮވާލައްވާފައެވެ.