އިއްޔެއަކީ ދިވެހިރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގައި ތާރީޚީ ސަފްހާއެއް ލިޔެވިގެން ދިޔަ ދުވަސް – ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

8269

އިއްޔެއައަކީ ދިވެހިރާއްޖޭގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމައި ތާރީޚީ ސަފްހާއެއް ލިޔެވިގެން ދިޔަ ދުވަސްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ
ރާޅުގަނޑު ސަރަހައްދުގައި ރޭ (8 ސެޕްޓެމްބަރ 2013) ބޭއްވުނު ‘ބާރަށް ކުރިއަށް’ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުﷲ ޝާހިދުވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާާޓީ (އެމްޑީޕީ)ގެ ހުރިހާ މެންބަރުންވެސް އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި ބައިވަރިވާ ކޮންމެ މީހަކުވެސް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައި ތިއްބަވާ އިންތިޚާބު ކާމިޔަބު ކުރެއްވުމަށް ދެމިތިބޭނެކަމުގެ ޔަގީންކަންއަރުވާފައެވެ.

އިއްޔެއަކީ އެމްޑީޕީގެ ޑިމޮކްރެޓިކް ޕާޓީގެ ހަޔާތުގައިވެސް ވަރަށް މުހިންމު ތާރީޚީ ސަފްހާއެއް ލިޔެވިގެން ދިޔަކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އިއްޔެގެ އިންތިޚާބުން ފެނިގެންދިޔައީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެވުމަށް ރައީސް ނަޝީދު ފެއްޓެވި މަސައްކަތްޕުޅު ރައްޔިތުން ބަލައިގެންފައިވާ މިންވަރުކަމަށެވެ. އިދިކޮޅު ކެނޑިޑޭޓް ޑރ. ވަހީދު ޑިމޮކްރެސީގެ ތާކިހާ ރާއްޖެއަށް މާބޮޑޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެހެން ތާކިހާ މާ ބޮޑޭ ބުނާ މީހަކަށް ރައްޔިތުން ބުނީ ނޫނެކޭ ކަމަށާއި 10000 ވޯޓުވެސް ނުދޭނެކަމަށެވެ. ޑިމޮކްރެސީގެ ތާކިހާ ރާއްޖެއަށް ހެޔޮވަރުކަމަށާއި، ޚިޔާލު ތަފާތުވުމުގެ ތެރޭގައި ރާއްޖެ ތަރައްޤީކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

95000 މީހުން އިއްޔެ ނިކުމެ އާއެކޭ ބުނީ ވަރަށް ގިނަ ކަންތައްތަކަށްކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތުތައްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. އިދިކޮޅު ކެނޑިޑޭޓު ގާތު ސާފު ބޯފެނާއި ބެހޭގޮތުން ސުވާލު ކުރުމުން ބުނީ “ކަޅު ހަމޭ”ކަމަށާއި، އެހެންނަމަވެސް މިހާރު ރައްޔިތުން ކަޅު ހަމުގެ ބަދަލުގައި ބޭނުންވަނީ ގޭގެއަށް ސާފު ބޯފެން ހޮޅި ގުޅައިދިނުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުން ކަޅުހަމަށް ނޫނެކޭ ބުނާނެކަމަށްވެސް ވިދާޅުވިއެވެ.

ސިއްޙީ ޚިދުމަތާއި ބެހޭގޮތުން ސުވާލުކުރުމުން އިދިކޮޅު ކެނޑިޑޭޓު ބުނީ އައިޖީއެމްއެޗް ފެންވަރު ހޮސްޕިޓަލެއް ހަދާނިއްޔޭކަމަށާއި، ރައްޔިތުން މިއަދު ބޭނުންވަނީ ޓަރޝިއަރީ ފެންވަރު ހޮސްޕިޓަލްކަމަށް ޝާހިދު ވިދާޅުވިއެވެ. އެފަދަ ހޮސްޕިޓަލް އެޅުމަށް އެމްޑީޕީގެ މެނިފެސްޓޯގައި އެބައޮތްކަަމަށް ޝާހިދު ވިދާޅުވިއެވެ.