ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ފަރާތްތަކަށްވެސް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަންއާއެކު އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ކޮމިޝަންއަށް އެއްބާރުލުންދީ އެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ޕާޓީގެ ފަރާތުން ގޮވާލާ ނެރޭ ނޫސްބަޔާން..

noosbayan

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ފަރާތްތަކަށްވެސް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަންއާއެކު އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ކޮމިޝަންއަށް އެއްބާރުލުންދީ އެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ޕާޓީގެ ފަރާތުން ގޮވާލާ ނެރޭ ނޫސްބަޔާން..

އެކިއެކި ސަބަބުތަކަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިދެވޭނޭކަމާއި، އެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއިއެކު އެއްބަސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އިން ވަނީ ޢާންމުކޮށް އަންގަވާފައެވެ. މިއެންގުމުގެ މައްޗަށް ބިނާކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ފަރާތްތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބިދެވޭނޭ ކަމުގައި ބަލައިގެން ދިވެހިރައްޔިތުން ތިއްބައި، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ އެއްވެސް ފަރާތަކަށް ވޯޓު ދިނުމުގެ ޙައްޤު ނުލިބޭނޭ ކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަންގަވަމުން ގެންދަވާ ކަމުގެ ޝަކުވާ މިޕާޓީއަށް ދަނީ ލިބެމުންނެވެ.

ރިޔާސީ އިންތިޚާބަށް ވޯޓު ރަޖިސްޓްރީ ކުރުމުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން އެކި ކަންކަމާ ގުޅުވައި ވަރަށް ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުންތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައެވެ. މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމާފައިވާ ނިންމުމުގެ ދަށުން އެ ރައްޔިތުންނަށް ލިބިދޭ ވޯޓުލުމުގެ ޙައްޤުން އެ ރައްޔިތުން މަހުރޫމުކޮށްލެވިގެންދާކަން މިޕާޓީގެ ފަރާތުން ފާހަގަކުރަމެވެ. އަދި މިނިންމުމުގެ ދަށުން މިއަދު ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށް އިންތިޚާބުގެ ނަތީޖާ ބަދަލުވެދާނޭފަދަ ކަންތައްތަކެއް ހިންގަފާނޭކަމަށް މި ޕާޓީގެ އެންމެހައި މެންބަރުންނާއި، އެންމެހައި ދިވެހިރައްޔިތުން ސަމާލުވެ ތިއްބެވުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން، ގޭގެ ބަންދުގައި ބޭތިއްބުމަށް ފުލުހުން ކަނޑައަޅާފައިވާ ފަރާތްތަކުން ރަޖިސްޓްރީވެފައިވާ ވޯޓު ފޮށިތައް ކައިރިއަށް ދެވޭނޭ އިންތިޒާމު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަމަޖައްސަވައި ދެއްވާފައިނުވާތީ، ގޭގެ ބަންދުގައި ތިބި ފަރާތްތަކަށްވެސް ވޯޓު ދިނުމުގެ ޙައްޤު ގެއްލިގެންދާ މައްސަލަވަނީ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި މިޕާޓީއަށް ހުށަހަޅާފައެވެ.

މިމައްސަލަތައް ހައްލުކުރުމަށްޓަކައި މި ޕާޓީގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރުމުން ވިދާޅުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިފަރާތްތަކާއި، ގޭގެ ބަންދުގައި ތިބި ފަރާތްތަކަށް ވޯޓު ދިނުމުގެ ޙައްޤު ލިބެންޖެހޭކަމާއި، އެއިންތިޒާމު ހަމަޖައްސައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުރިންވެސް އަންގަވާފައިވާ ކަމަށާއި، އަދި މި ޕާޓީގެ ފަރާތުން ހުށަހެޅި ޝަކުވާއާ ގުޅިގެން އެކަން އިތުރަށް ބަލައި، އެމައްސަލަ ޙައްލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ވާހަކަ ދައްކަވަމުން ގެންދަވާކަމަށެވެ.

އެހެންކަމުން، މިއަދު ބޭއްވޭ ރިޔާސީ އިންތިޚާބަކީ އަމާން އޮމާން އިންތިޚާބެއްކަމުގައި ހެދުމަށް އެންމެން އެކަތި ގަނޑަކަށްވެ މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި މަސްލަޙަތު ގެއްލިދާނޭފަދަ ޢަމަލުތައް ނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ދިވެހިސަރުކާރަށް ގޮވާލަމެވެ. އަދި އިސްތިޘްނާއެއް ނެތި ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިދޭކަން ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ވޯޓު ދިނުމުގެ ޙައްޤު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ފަރާތްތަކަށްވެސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަންއާއެކު އެއްބަސްވެފައިވާ ގޮތުގެ މަތީން އެ ކޮމިޝަންއަށް އެއްބާރުލުންދީ އެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ.

7 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް