ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ދައުލަތުގެ އާމްދަނީ އަހަރަކު 14 ބިލިޔަން ރުފިޔާއަށް އަރުވާނެ – މަޙްމޫދު ރާޒީ

photo-35

ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ދައުލަތުގެ އާމްދަނީ އަހަރަކު 14 ބިލިޔަން ރުފިޔާއަށް އަރުވާނެކަމަށް އެމްޑީޕިގެ ޕޮލިސީ ޓީމުގެ ޗެއަރ މަޙްމޫދު ރާޒީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު (5 ސެޕްޓެމްބަރ 2013) މެންދުރު އެމްޑީޕީ އޮފީހުގައި ޕްރެސްކޮންފަރެންސްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މިއަދުގެ ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރަޡީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ޓެކްސްގެ ނިޒާމެއް ގާއިމްކޮށްދިންކަމާއި އަދި އޭގެ ނަތީޖާއަކީ 7 ބިލިޔަން ރުފިޔާގައި ހުރި ދައުލަތުގެ އާމްދަނީ މިއަހަރު 12 ބިލިޔަނަށް އަރައިފައިވާކަމަށެވެ. އެހެނަސް މިހާރުގެ ހާލަތަކީ އަޅުގަނޑުމެން ގެންނަށް އުޅުނު ޓެކްސްގެ ނިޒާމު އަދި ފުރިހަމަ ނުވާކަމަށާއި، އެއީ މުއްސަދިންގެ އަތުން ނަގަންޖެހޭ އާމްދަނީގެ ޓެކްސްގެ ކަންކަން އަދި ނުވެއޮތްކަން ފާހަގަކުރައްވާ، އެމްޑީޕީއިން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ޓެކްސްގެ ނިޒާމު ފުރިހަމަކުރާނެ ކަމަށެވެ. ހަމަ އެއާއިއެކު އެމްޑީޕީގެ އަމާޒަކީ އިރާދަކުރެއްވިއްޔާ މި ޓެކްސްގެ ނިޒާމުގެ ތެރެއިން ދައުލަތުގެ އާމްދަނީ ކޮންމެ އަހަރަކު 14ބިލިއަންއަށް ގެންދިއުންކަމުގައި ރާޒީ ވިދާޅުވިއެވެ.

ބޭސްފަރުވާޔަށް ސަލާންޖެހުން ހުއްޓުވާލުމަށް އެމްޑީޕީން މަސައްކަތްކޮށް އެވައުދު ފުއްދިކަން ފާހަގަކުރައްވަމުން ރާޒީ ވިދާޅުވިގޮތުފައި އެމްޑީޕީގެ ސަރުކާރުގައި އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް 1 ލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެގޮތް ހަދައިދިނެވެ. އެހެންނަމަވެސް އާސަންދަ ބައިސަންދަޔަށްވެ ބޭސްފަރުވާޔަށް ސަލާންޖެހުން އަނެއްކާވެސް އިތުރުވެފައިވާކަމަށް އެމަނިކުފާން ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ވައުދަކީ 5 އަހަރުގެ ތެރޭގައި އާސަންދަ އަލުން އިޔާދަކޮށް ދިގު ބަލިތަކަށް ފަރުވާކުރާ މީހުން އަމިއްލަ ޖީބުން ހަރަދުނުކޮށް ހުރިހާ ހަރަދެއް އާސަންދައިން ކުރާނެގޮތައް ހަމަޖައްސައި 18 މަސް ދުވަސް ތެރޭގައި ބައިނަލް އަގުވާމީ ފެންވަރުގެ 3 ޓާޝިޔަރީ ހޮސްޕިޓަލް އެޅުން ކަމަށް ވެސް އެމަނކުފާން ވިދާޅުވިއެވެ.

ހަމައެހެންމެ އެމްޑީޕީއަކީ 3 އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅުވާލައި ރަށު ބަންދުން ފިލުވައިލި ޕާޓީކަން ފާހަގަކުރައްވަމުން 3 އަހަރު ތެރޭގައި އެނިޒާމުގެ ދަށުން 1 މިލިޔަން ދަތުރު ކޮށްފައިވާ ކަމަށް ރާޒީ ވިދާޅުވިއެވެ. މިހާރު ވަރަށް ގިނަ ސަރަހައްދުތަކެއްގައި މި ހިދުމަތް ހުއްޓިފައިވާއިރު 5 އަހަރު ތެރޭ މި ނިޒާމް އަލުން އިޔާދަކޮށް ސަރަހައްދީ މަރުކަޒުތަކަށް ސީދާ ފެރީ ގާއިމްކޮށް މި ހިދުމަތް ގާނޫނަކުން އެމްޑީޕީއިން ކަށަވަރު ކޮށްދޭނެކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.

ބޯހިޔާވެހިކަމުގެ ވައުދު އެމްޑީޕީއިން ފުއްދުމަށް ފެށިކަމަށް ވިދާޅުވަމުން ރާޒީ ފާހަގަކުރެއްވި ގޮތުގައި 3 އަހަރު ތެރޭ 8000 ފްލެޓް އެޅުމަށް ކޮންޓްރެކްޓް ކޮށް 2000 ފްލެޓް އެޅުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް މިހާރު އެއިން ބައެއް މަސައްކަތްތައް ހުއްޓި ނިމުނު ފްލެޓްތައްވެސް ވަރަށް ނާއިންސާފުން ބަހަމުން ދާކަން ފާހަގަކުރައްވަމުން ވިދާޅުވިގޮތުގައި އެމްޑީޕީގެ 5 އަހަރެއްގައި 20000 ހައުސިން ޔުނިޓް އަޅައި އަތް ނުފޯރާ ފަރާތްތަކަށް ހައުސިން ސަބްސިޑީ ފޯރުކޮށްދެވޭނެއެވެ.

މަސްތުވާތަކެތީގެ މައްސަލަޔަށް އަލި އަޅުވާލަމުން ޑރ.މަހްމޫދު ރާޒީ ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗަށް ހުރި ދޮރުތައް ބަންދުކުރުމަށް އެމްޑީޕީއިން މަސައްކަތްކޮށް އެކަން 50 އިންސައްތަ ތިރިކޮށް ރިހެބިލިޓޭޝަން ސެންޓަރުތަކާއި ޑީޓޮކްސް ސެންޓަރުތައް އެމްޑީޕީގެ ސަރުކާރުން ގާއިމްކޮށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫން އެމްޑީޕީގެ 3 އަހަރު ތެރޭ ފާސް ކުރިއެވެ. އެހެނަސް އެހެނަސް މިހާރު އަދުލު އިންސާފުގެ ނިޒާމް ނިކަމެތިކޮށް ކުށުގައި އަތުލެވޭ ފަރާތްތައްވެސް ދަނީ ދޫވަމުންކަން ފާހަގަކުރައްމުން 5 އަހަރު ތެރޭ މަސްތުވާތަކެއްޗާއި ފަސާދަޔާއި އެހެނިހެން ކުށްތައް ހުއްޓުވައި ހަމަހަމަ ވެއްޓެއް ގާއިމްކޮށް ފުލުހުންނަކީ ރައްޔިތުން އިތުބާރުކުރާ ހިދުމަތްރެތި ބަޔަކަށް ހަދައި ފަނޑިޔާރުން އިންސާފު ގާއިމްކޮށްދޭ ރައްޔިތުން ގަދަރުކުރާ ބަޔަކަށް ހަދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުގައި 3 އަހަރުތެރޭ 243 ކުލާސް ރޫމް އިމާރާތްކޮށް 115 ސްކޫލެއް އެއްދަންފަޅިޔަކަށް ބަދަލުކޮށް އޯލެވެލެ އިމްތިހާނުން ފާސް ވާކުދިންގެ އަދަދައް 10 އިންސައްތައިގެ ކުރިއެރުމެއް ހޯދައިދިންކަން ފާހަގަކުރައްވަމުން ރާޒީ ވިދާޅވިގޮތުގައި ރާއްޖޭގެ ފުރަތަމަ ޔުނިވާސިޓީ އުފައްދާ ތަމްރީނު ދިނުމަށް ޕޮލީޓެކްނިކެއް ގާއިމްކޮށް ހުނަރު ޕްރޮގްރާމުގެ ދަށުން 2000 ކުދިން ތަމްރީނުކުރުމަށް އެމްޑީޕީގެ ސަރުކާރުގައިވަނީ ކޮންޓްރެކްޓް ކުރެވިފައެވެ. އެހެނަސް މިއަދު ކުލާސްރޫމްތައް ނޭޅީ އެއް ދަންފަޅިޔަށް ސްކޫލުތައް ބަދަލުނުކުރެވޭކަން ފާހަގަކުރައްވަމުން ހުނަރު ޕްރޮގްރާމްވެސް ހުއްޓައިލާފައިވާކަމަށް ވިދާޅުވިއެވެ. އެހެނަސް 5 އަހަރު ތެރޭގައި ހުރިހާ ސްކޫލުތަކެއް އެއްދަންފަޅިޔަކަށް ބަދަލު ކޮށް 6150 ދަރުވަރުންނަށް މަތީތައުލީމު ފަހިކޮށް 17350 ކުދިންނަށް ވަޒީފާއަށް ބޭނުންވާ ސީދާ ހުނަރުތައް ދަސްކޮށްދީ އެމްޑީޕީއިން ހަޔާ އެޑިއުކޭޝަން ސޭވިން ސްކީމެއް ފައްޓާނެކަމަށް ރާޒީ ވިދާޅުވިއެވެ.

އިޖްތިމާއީ ރައްކާތެރިކަން ރާއްޖެޔަށް ތައާރަފްކުރީ އެމްޑީޕީއިންކަން ފާހަގަކުރަމުން ރާޒީ ވިދާޅުވިގޮތުގައި އެމްޑީޕީއިން ވަނީ އުމުރުން ދުވަސްވީ މީހުންނަށްދޭ އަސާސީ ޕެންސަން ފަށައި އެކަނިވެރި މައިންނާއިނ ޔަތީމުންނާއިނ ހާއްސަ އެހީޔަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތްތައް ފެށިކަން ފާހަގަކުރެއްވިއެވެ. މިހާރު މިނިޒާމު ހިނގަމުން ދިޔަކަމުގައިވޔަސް އިތުރަށް ހަރުދަނާ ނުކުރެވޭ ކަމަށްވެސް ޑރ.މަހްމޫދު ރާޒީ ވިދާޅުވިއެވެ. އެހެނަސް އެމްޑީޕީއިން ވައުދު ވަނީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސްމާޓް ކާޑެއްގެ ނިޒާމުން އިސްރާފުނުވާނޭ ގޮތެއްގައި މި ހިދުމައި އާލާކޮށް ކުރިއެރުވުމަށް ކަމަށް ވިދާޅުވަމުން ރާޒީ ފާހަގަކުރެއްވި ގޮތުގައި 5 އަހަރު ދުވަހުގަ ތެރޭގައި އެމްޑީޕީގެ ބަޖެޓުން 16 ބިލިޔަން އިޖްތިމާއީ ކަންކަމަށް ހޭދަކުރާނެ ކަމަށްވެސް ވިދާޅުވެއްޖެ.

އެމްޑީޕީ ސަރުކާރުގެ 3 އަހަރު ތެރޭގައި 55 ރަށެއްގެ ބަނދަރާއި 17 ރަށެއްގެ ނަރުދަ އަޅައި 6 ރަށެއްގައި ސާފު ބޯފެން ލިބޭނެ ގޮތް ގާއިމްކުރެއްވިކަން ފާހަގަކުރައްވަމުން ރާޒީ ވިދާޅުވިގޮތުގައި އެމްޑީޕީގެ 3 އަހަރުގައި 42 މިސްކިތްވެސް ވަނީ އިމާރާތްކޮށްފައެވެ. އެހެނަސް މިހާރު އެއްވެސް އާ މަސައްކަތެއް ނުފެޢްޓޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެހެނަސް ކުރިޔަށް އޮތް ފަސް އަހަރުތެރޭގައި ރަށްވެހިކަމުގެ ތަރައްގީޔަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްގެދުއް އެންމެ ބޮޑު އިންވެސްޓްމެންޓް ކަމަށްވާ ބައިނަލްއަގްވާމީ އެޔާޕޯތް މެލެޝިޔާއާއި އިންޑިޔާގެ ކޮންސޯޓިޔަމް އަކާއި ހަވާލުކުރުންވެސް ކުރީ އެމްޑީޕގެ ސަރުކާރުން ކަން ފާހަގަކުރައްވަމުން ރާޒީ ވިދާޅުވިގޮތުގައި ދިރާގާއި ޖަޕާނުގެ އެންއީސީ ކުންފުންޗާއި ގުޅިގެން ހައި ސްޕީޑް އިންޓަނެޓް ދިނުމަށް ސަބްމެރިން ކޭބްލް އެޅީވެސް ހަމަ އެމްޑީޕީގެ ސަރުކާރުގެ 3 އަހަރުގައިކަންވެސް ވަނީ ހާމަކުރައްވާފައެވެ. އެހެނަސް އެއްބަސްވުންތަކަށް އިހްތިރާމް ނުކޮށް ޖީއެމްއާރް ބޭރުކޮށް އިންވެސްޓަރ ކޮންފިޑެންސް ގެއްލުވައިލައިފައވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އެހެނަސް ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި އިންވެސްޓަރ ކޮންފިޑެންސް ހޯދައި ތަރައްގީގެ ބޮޑެތި މަޝްރޫތައް ފެއްޓޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ. އެމްޑީޕީއިން ތައާރަފް ކުރާ މައިގަނޑު 3 ވިޔަފާރިން 51000 ވަޒީފާގެ ފުރުސަތު ފޯރުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ހިދުމަތްތަކަށް އަލި އަޅުވާލަމުމް އެމަނިކުފާނު ވިދާޅުވިގޮތުގައި ރައީސް ނަޝީދަކީ ބައިނަލް އަގުވާމީ ދުނިޔޭގައި ބަލައިގެންފައިވާ ގަދަރު ލިބިފައިވާ ލީޑަރެކެވެ. އަދި އެތަކެއް ބައިނަލްއަގުވާމީ އިނާމުތަކެއް ލިބިފައިވާ ލީޑަރެއްކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.