އިންތިޚާބުގެ ކަންތައް ވީހާވެސް މަޑުމައިތިރިކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް ޗެއަރޕަރސަން އެދިވަޑައިގެންފި

photo

ހޮނިހިރު ދުވަހު ބޭއްވޭ ރިޔާސީ އިންތިޚާބުގެ ކަންތައް ވީހާވެސް މަޑުމައިތިރިކަމާއި، އޮމާންކަމާއެކު ކުރިއަށް ގެންދެވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން މޫސާ މަނިކު ލޮބުވެތި މެންބަރުންގެ އަރިހުން މިއަދު (5 އޮގަސްޓް 2013) އެމްޑީޕީ އޮފީހުގައި ބޭއްވުނު ޕްރެސް ކޮންފެރެންސްއެއްގައި އެދިވަޑައިގެންފިއެވެ.

ޗެއަރޕަރސަން މޫސާ މަނިކު މީޑިއާ ފަރާތްތަކާއި އެކު ބޭއްވުނު މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑިމޮކްރެޓިކް ހަމަތަކާއި އުސޫލްތަކާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވުމަށް އިދިކޮޅު ސިޔާސީ ވާދަވެރިންނަށް ގޮވައިލެއްވިއެވެ. އަދި އެމްޑީޕީއިން މިއިންތިޚާބު ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ގެންދިޔުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށް ޗެއަރޕަރސަން ވިދާޅުވިއެވެ. ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކެމްޕެއިން ތެރޭގައި ދެއްކިފައިހުރި ވާހަކަތަކުގެ ސަބަބުން ބަލިވެގެންދާއިރު އަތުންފައިން ގޯހެއް ނުހަދާ ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އިލެކްޝަންސް ކޮމިޝަަނަށް އިތުބާރުކުރާކަމަށާއި، އަދި ބަޣާވާތް ކުރިފަދައިން މިހާރު ސަރުކާރުގައި ތިބި ފަރާތްތަކާއި ސަލާމަތީ ބާރުތަކުން މަސައްކަތްކުރާނެ މާހައުލެއް ގާއިމްނުކުރުމަށް އެދޭކަމަށް ޗެއަރޕަރސަން ވިދާޅުވިއެވެ. އަދި އެފަދަ ނުފޫޒެއް އައިސްފިނަމަ ގާނޫނީ އިމުގެ ތެެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނޭކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްޕެއިންގައި އެކި ގޮތްގޮތުން މަސައްކަތްކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޗެއަރޕަރސަން ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި އިދިކޮޅު ސިޔާސީ ބޭފުޅުން ޑިމޮކްރެޓިކް ހަމަތަކާއި އެއްގޮތަށް ކުރައްވާ މަސައްކަތްތައްވެސް އެމްޑީޕީއިން ބަލައިގަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ޕްރެސް ކޮންފެރެންސްގައި ޗެއަރޕަރސަންގެ އިތުރުން ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އަދި އެމްޑީޕީގެ ޕޮލިސީ ޓީމްގެ ޗެއަރ މަހްމޫދު ރާޒީ ވާހަކަފުޅުދެއްކެވިއެވެ.