2008ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕްގެ ކޮލޮމްބޯގައި ކުޅެވުނު މެޗުގެ 88 ވަނަ މިނިޓްގައި އިންޑީޔާ ކޮޅަށް ގޯލެއްޖަހައި ދިވެހިރާއްޖެއަށް ފުޓުބޯޅައިން އެންމެ ފުރަތަމަ ރަން މެޑެލް ހޯދަދިން ރަންގޯލުގެ ވެރިޔާ މުޙުތާރު ނަސީރު )2 ކިލޯ( އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެތައްޒަމާނެއްވަންދެން ދިވެހިން ދެކުނު ހުވަފެން ހަޤީގަތަކަށް ހަދައި ރަން ގޯލް ޖަހައި ދިން މުޙުތާރު ނަސީރު (2 ކިލޯ) އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ (3 އޯގަސްޓް 2013) ބ. އޭދަފުށިގައި ބޭއްވި “ރައީސް ނަޝީދާއި އެކު އެއްބުރުން” ދަތުރުތައް ނިންމާލި ޖަލްސާގައިއެވެ.
ރޭ 2 ކިލޯ އެމްޑިޕާއާއި ގުޅިވަޑައިގަތުމަށް ފަހު ވިދާޅުވީ، ރައީސް ނަޝީދަށް މި އިންތިޚާބުގައި ލާ ވޯޓަކީ އެމަނިކުފާނުގެ ކުޅިވަރު ސިޔާސަތައް ލާ ވޯޓެއް ކަމަށާއި، ރާއްޖޭގެ އެންމެހާ ޒުވާނުން މިއަދު ބޭނުންވަނީ ރަށު ބޯޅާދަނޑުތައް ޒަމާނީ ފެންވަރަށް ހެދޭނެ ވެރިއެއް ކަމަށާއި، އެ ވެރިއަކީ ރައީސް ނަޝީދު ކަމަށެވެ.
މުޙުތާރު ނަސީރު ސޮއިކުރެއްވީ “ރައީސް ނަޝީދުއާއި އެކު އެއްބުރުން” ދަތުރުތަކުގައި އިސް ލީޑަރަކަށް އުޅުއްވާ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރ އަދި އެމްޑީޕީގެ ޕާލިއަމަންޓަރީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ އަލީ ވަޙީދުއާއި އެބޭފުޅާގެ ޓީމުގެ ހާޒިރުގައެވެ.