އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިއަދު (3 ސެޕްޓެމްބަރ 2013) ހަވީރު މާލެ ސިޓީގައި ހުންނަ ސުންދުރަ ޕެލަސް ގެސްޓްހައުސް ހުޅުއްވައިދެއްވައިފިއެވެ.
ސުންދުރަ ޕެލަސް ގެސްޓްހައުސް ހުޅުވައިދެއްވަމުން ރައީސް ނަޝީދު މާފުށި ފަދަ ރާއްޖޭގެ ރަށްރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ވަރަށް ރަނގަަޅަށް ހިނގާކަން ފާހަގަކުރެއްވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ހުރުމަކީ ރާއްޖެއަށް ވަރަށް އާކަމެއްކަމަށް ވިދާޅުވިއެވެ. އަދި މާލޭގައިވެސް ގެސްޓްހައުސްގެ ވިޔަފާރި ފަށާކަން އެއީ ވަރަށް ބޮޑު އުފަލެއްކަމުގައި ވިދާޅުވިއެވެ. ކުރިން މިކަން މަނާކޮށްފައިވާކަމަށާއި އެހެންނަމަވެސް ދިވެހިންނަށް މިވިޔަފާރި ކަމުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސުންދުރަ ޕެލަސް ގެސްޓް ހައުސްގެ ވެރިފަރާތް އިބްރާޙިމް މުޙައްމަދު ވިދާޅުވިގޮތުގައި ގެސްޓްހައުސް ހުޅުވުމުގެ ކުރިން ދިރާސާކުރެއްވި ކަމަށާއި، ގެސްޓްހައުސްގެ ވިޔަފާރި ރަށްރަށުގައިވެސް ވަރަށް ރަގަޅަށް ހިނގާ ކަމަށާއި އަދި ބުޓިކް ސްޓައިލަށް ގެސްޓްހައުސް ހެދީ ރައީސް ނަޝީދު ގެސްޓްހައުސްގެ ވާހަކަ ދެއްކެވީމައިކަމަށާއި، މިފަދަ ތަނެއް ހެދުމުގެ ޚިޔާލު ލިބުނީ ރައީސް ނަޝީދުގެ ފަރާތްޕުޅުންކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ތަޢާރަފް ކޮށްދެއްވީ ރައީސް ނަޝީދުކަން ޤަބޫލު ކުރާކަމަށާއި، އަދި ގެސްޓްހައުސްގެ ވިޔަފާރި މާލޭގައި ކާމިޔާބު ކަމާއެކު ހިންގޭނެކަމަށާއި، ސަބަބަކީ ޤައުމުގައި ޓްއަރިޒިމް ވިޔަފާރި ހިންގަނީ 50މީހުންކަމާއި، އަދި ޓްއަރިޒަމްއިން ލިބޭ ފައިސާ ވަންނަނީ އެ 50 މީހުންގެ ޖީބަށްކަމަށެވެ. މިފަދައިން އަމިއްލަ ފަރާތްތަކުން ގެސްޓްހައުސްގެ ވިޔަފާރީ ކުރުމުން ރައްޔިތުންނަށް ފަތުރުވެރިކަމުން ލިބޭ ނަފާ އެއްބައެއްގެ އަތުގައި އޮތުމުގެ ބަދަލުގައި އެންމެނަށް ލިބިގެންދާނޭކަމަށާއި، ގެސްޓްހައުސް އާންމުންގެ ގެތަކުގައި ހަދާކަމުގައިވާނަމަ މި ފައިދާވެސް މުޅި ރައްޔިތުންނަށް ބެހިގެންދާނެކަމަށް އިބްރާޙިމް މުޙައްމަދު ވިދާޅުވިއެވެ.
މިއަދު ހަވީރު ކުރިއަށް ދިޔަ ހަފްލާގައި ރައީސް ނަޝީދާއެކު ޕާޓީގެ ބައެއް އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.