ޗެއަރޕަރސަން މޫސާ މަނިކު ރިޔާސީ އިންތިޚާބަށް އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތައް ނިންމަވައިލައްވައިފި

20130818_230913

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯއްދެވުމަށްޓަކައި ޕާޓީގެ ޗެއަރޕަރސަން މޫސާ މަނިކު އަތޮޅުތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުތައް މިއަދު (3 ސެޕްޓެމްބަރ 2013) ނިންމަވައިލައްވައިިފިއެވެ. ޗެއަރޕާސަން އަތޮޅުތަކުގެ ކެމްޕެއިން ދަތުރުފުޅުތައް ނިންމަވާ 7 ސެޕްޓެމްބަރާ ދެމެދު މި އޮތް ދުވަސްކޮޅު މާލެ ސިޓީގައި ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖުލައި މަހުގެ ފަހު ހަފްތާއިން ފެށިގެން މިއަދާހިސާބަށް ކުރެއްވި ދަތުރުތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 71 ރަށަށް އެމަނިކުފާނު ވަޑައިގެންފައިވެއެވެ. މިގޮތުން ރައީސް މުހައްމަދު ނަޝީދާއެކު އެއްބުރުން ކެމްޕެއިން ދަތުރުފުޅުތަކާއި، ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ އާއިއެކު ‘ނެތޭ ވެވޭކަށް ބާޣީއަކަށް’ ކެމްޕެއިން ދަތުރުފުޅުގައި ބައިވެރިވެލައްވައިފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އެކު ‘އާ ބާރެއް އެއްބުރުން’ގެ ނަމުގައި ކުރިއަށް ދިޔަ ކެމްޕެއިން ދަތުރުތަކުގައި ބައެއް ރަށްތަކަށް އެމަނިކުފާނު ވަޑައިގެންފައިވާއިރު ޗެއަރޕާސަންގެ ހައިސިއްޔަތުން ބައެއް ދަތުރުފުޅުތައް ވަނީ ލީޑް ކުރައްވާފައެވެ.

ޗެއަރޕަރސަން މޫސާ މަނިކު ކެމްޕެއިން ކުރެއްވުމަށް ވަޑައިގެންނެވި ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އޮޅުންފިލުވައިފައިވެއެވެ. އަދި އެމްޑީޕީއިން ނެރެމުންދިޔަ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ދެއްވައިފައިވެއެވެ. އެމަނިކުފާނުވަނީ ވަރަށް ގިނަ ރަށްރަށުގެ ޕާޓީ ހަރުގެ އާއި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވައިފައެވެ. ހަމައެހެންމެ ޖަލްސާތަކާއި ކަންމަތީ ބައްދަލުވުންތައް ބާއްވަވައި ޕާޓީއަށް އޮންނަ ތާއިދު އިތުރުކުރެއްވުމަށް މަސައްކަތްކުރައްވައިފައިވެއެވެ. މިކެމްޕެއިން މުހިންމު ދަތުރުތަކުގެ ސަބަބުން ރައީސް ނަޝީދު އެއްބުރުން އިންތިޚާބު ކާމިޔާބުކުރުމަށް އިތުރު ބާރެއް ލިބިގެންދިޔަކަން ފާހަގަކޮށްލަންޖެހެއެވެ.