24 އޯގަސްޓް 2010
ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކަށް އެކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި މިހާތަނަށް ވެސް ހުންނެވި މުހަންމަދު ފަހުމީ ހަސަން އަދި ނާއިބު ރައީސަކަށް އެކޮމިޝަނަށް އަލަށް އައްޔަންކުރެވުނު އަހުމަދު ހަސަން ދީދީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޔަންކޮށްފި އެވެ.
އެމަޤާމަށް އައްޔަންކުރުމަށް ދެބޭފުޅުންވެސް ހޮވިޑައިގަތީ އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމަށް މުހަންމަދު ފަހުމީ ހަސަން، އަދި ނާއިބު ރައީސްގެ މަގާމަށް އަހުމަދު ހަސަން ދީދީގެ ނަން ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އާޒިމުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދެވެ.
ދެ ވަނަ ހުށަހެޅުމެއްގެ ގޮތުގައި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވައި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ތާއީދު ކުރެއްވީ، ރައީސަކަށް ޑރ. މުހަންމަދު ލަތީފާއި ނާއިބު ރައީސަކަށް ފަހުމީ ހަސަން އެވެ. އެ ދެ ބޭފުޅުންނަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހީމާއި މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވެސް ތާއީދު ކުރެއްވި އެވެ.
ނަމަވެސް ފުރަތަމަ ހުށަހެޅުން ފާސްވުމުން ދެވަނަ ހުށަހެޅުމަށް ރިއާސަތުން ވޯޓަކަށް ނާއްސަވަ އެވެ .