ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި “ހިތާ ހިތުގެ ގުޅުން އެއްބުރުން” އެމްޑީޕީ ފޯން ބޭންކް ލައިވް ޕްރޮގްރާމުގެ ރޭގައި ވަނީ ބާއްވާފައެވެ.
ރޭ (2 ސެޕްޓެމްބަރ 2013) ސްޓެލްކޯގެ ޖަލްސާ ކުރާ ހޯލުގައި “ރައީސް ނަޝީދާއެކު ހިތާ ހިތުގެ ގުޅުން އެއްބުރުން” އެމްޑީޕީ ފޯން ބޭންކް ލައިވް ޕްރޮގްރާމުގެ ބައިވެރިންނަށް މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިގޮތުގައި ވޯޓް ލުމަށް ދެން މިއޮތީ ވަރަށް މަދު ދުވަސް ކޮޅެއް ކަމަށާއި “ކުރިއަށް ކުރިއަށް ކުރިއަށް” ޕްރޮގްރާމް މިދުވަސްކޮޅު ބާރަށް ގެންދިޔުން ވަރަށް މުހިއްމުކަމުގައި ވިދާޅުވިއެެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ އަދަދެއްގެ ގޮތުގައި 000،25 ވޯޓް ބަލާކަމަށާއި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން 000،35 ވޯޓް އެމްޑީޕީ މެދުވެރިކޮށް ރެޖިސްޓްރީ ކުރި ކަން ފާހަގަކުރައްވަމުން ބާރަށް މަސައްކަތް ކުރުމުން ކާމިޔާބުވާނެ ކަމަށާއި، އަމާޒަކީ ވޯޓް ލާ ދުވަހަށް ދާން ވާއިރަށް 000،125 ވައުދު ވޯޓް ހޯދުން ކަމަށާއި އެ އަދަދު ފޯނުންނާއި ދޮރުން ދޮރަށް ހިނގައިގެން ލިބޭނެކަމަށް ޔަގީންކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންނަށް ފޯނުން ގުޅުމުގައި ހުދު ރައީސް ނަޝީދުވެސް ވަނީ ރޭ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން ވަކި ވަކި ރައްޔިތުންނަށް ގުޅުއްވައި އެބޭފުޅުންގެ ހާލު އަހުވާލު އައްސަވާ އެބޭފުޅުން ވޯޓް ލުމަށް ނިންމާފައިވާ ގޮތްވެސް ވަނީ އޮޅުންފިލުއްވާފައެވެ. ހަމައެހެންމެ އެމަނިކުފާނަށް ވޯޓް ލާންވީ ސަބަބަތައްވެސް ރައްޔިތުންނަށް ފޯން މެދުވެރިކޮށް ވަނީ ކިޔާދެއްވާފެއެވެ.