ހިޔުމަންރައިޓްސް ކޮމިޝަނަށް ރައީސަކާއި ނައިބުރައީސަކު އައްޔަނުކުރުމުގެ މައްސަލަޔާއި އިތުރު ދެ މެންބަރުން ހޮވުމުގެ މައްސަލަ ދިރާސާކުރުމަށް 7 މެންބަރުންގެ ކޮމެޓީއަކަށް ފޮނުވައިފި

24 އޯގަސްޓް 2010

ހިޔުމަންރައިޓްސް ކޮމިޝަނަށް ރައީސަކާއި ނައިބުރައީސަކު އައްޔަނުކުރުމުގެ މައްސަލަޔާއި އެކޮމިޝަނަށް ހޮވަންޖެހޭ އިތުރު ދެ މެންބަރުން ހޮވުމުގެ މައްސަލަ ދިރާސާކުރުމަށް 7 މެންބަރުންގެ ކޮމެޓީއަކަށް ފޮނުވައިފިއެވެ. މިއަދުކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިމައްސަލަޔާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައިވަނީ ހިއުމަންރައިޓްސް ކޮމިޝަނަށް ރައީސަކާއި ނައިބު ރައީސަކު އައްޔަނުކުރުމުގެ ގޮތުން ރައީސަކަށް މަރިޔަމް އަޒުރާ އަދި ނައިބު ރައީސަކަށް ޖީހާން މަޙުމޫދް އައްޔަނުކުރުމުގެ މައްސަލަ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެމަތިން ނިންމަވާދެއްވުމަށެވެ.

މީގެ އިތުރުން ހިޔުމަންރައިޓްސް ކޮމިޝަނަށް އައްޔަނުކުރަންޖެހޭ އިތުރު ދެ މެންބަރުން އައްޔަނުކުރުމަށްޓަކައި ރައީސްއޮފީހުން ކުރި ޢިއުލާނާއި ގުޅިގެން މިކަމަށްކުރިމަތިލީ މީހުންގެ ތެރެއިން 6 ނަމެއް މަޖިލީހަށްފޮނުވާކަމަށް މިކަމާގުޅިގެން ރައީސް ފޮނުއްވި ސިޓީގައި ބަޔާންވެގެންވެއެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައިވަނީ މުޅިމަޖިލިސް ކޮމެޓީއަކަށްގޮސްގެން މަސައްކަތްކުރައްވާފައެވެ. އެގޮތުން ޓޫރިޒަމްގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލާއި ޓޫރިސްޓް ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތްތަކުގެ އަގުން ޓެކްސްނެގުމުގެ ބިލްގެ ކޮމެޓީމަސައްކަތް މިއަދުވަނީ ކުރައްވާފައެވެ.

މިބިލްތަކާ ގުޅޭގޮތުން ކުޑަކޮމެޓީން ނިންމިގޮތުގެ ރިޕޯޓް ހުށަހަޅާ ބިލްތަކަށް މެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހުތައް ހުށަހެޅުން މިއަދު ކުރިޔަށްދިޔައެވެ. އެހެންނަމަވެސް މެންބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި ވޯޓުގައި ބައިވެރިނުވެވޭނެކަމަށް ޤާނޫނު އަސާސީގަޔާއި މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާކަމަށް މެންބަރުންވިދާޅުވެ ނަންގަވަމުންދިޔަ ނިޒާމީ މައްސަލަތަކާއެކު ކޮމެޓީކުރިޔަށް ނުގެންދެވިގެން ކޮމެޓީ ފަހުން ބާއްވާނެ ތާރީޚެއް އަންގަވާނެކަމަށް ވިދާޅުވެ ކޮމެޓީ ވަނީ މިއަދަށް ހުއްޓަވާލައްވާފައެވެ.