އެމްޑީޕީއަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ވޯޓު ލާ ދުވަހު ހަމައެކަނި ވޯޓު ލުމަށް އެއްމެބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސް ކުރުން

noosbayan

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ލާ ދުވަހު އެމްޑީޕީ އަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާޢީދު ކުރައްވާ ހުރިހާ ފަރާތްތަކުންވެސް އެދުވަހު ހަމަ އެކަނި ވޯޓު ލެއްވުމަށް އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، ވީހާވެސް އަވަހަަކަށް ވޯޓުލާ ނިންމެވުމަށް އެމްޑީޕީއިން އިލްތިމާސް ކުރަމެވެ.

ވޯޓުލާ ދުވަހު އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ހިންގަފާނެކަމަށް އަޑު އަރައިފައިވާ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކަށް އެއްވެސް ގޮތަކުން ރައްދެއް ނުދެއްވުމަށާއި، ހަމަ އެކަނި ވޯޓު ލެއްވުމުގައި ޝާމިލުވެވަޑައިގެން އުޅުއްވުމަށާއި، ރައީސް ނަޝީދަށާއި އެމްޑީޕީއަށް ތާޢީދު ކުރައްވާ އެއްވެސް ފަރާތެއްގެ ވޯޓު ލުމުގެ ޙައްޤު ގެއްލިދާ ގޮތަށް ފުލުހުން އެދުވަހު އެއްވެސް ފަރާތެއް ހިފާ ހައްޔަރުކޮށް އެމްޑީޕީއަށް ލިބެންއޮންނަ އެއްވެސް ވޯޓަކަށް އުނިކަމެއް ގެނައުމަށް އެއްވެސް މިންވަރެއްގެ ޖާގައެއް ނުދެއްވުމަށް މި ޕާޓީއިން އިލްތިމާސްކޮށް ބާރު އަޅަމެވެ.

އަދި އަބަދުވެސް އެމްޑީޕީއަށް ތާޢިދު ކުރައްވާ ފަރާތްތަކުން އަމަލު ކުރައްވާ ފަދައިން، މި އިންތިޚާބުވެސް އަމާންކަމާއި، އޮމާން ކަމާއިއެކު ނިންމުމަށް ހުރިހާ ގޮތަކުން ވެސް އެއްބާރުލުން ދެއްވުމަށް މި ޕާޓީއިން އިލްތިމާސް ކުރަމެވެ.

2 އޯގަސްޓް 2013

ބަޔާން ނެރުނީ: އެމްޑިޕީ ސެކްރެޓޭރިއަޓް