ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ އިންތާޚާބުގެ “ކޮމްޕްލެއިންޓްސް ކޮމެޓީ”އިން ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް 14 މައްސަލަ ހުށައަޅައިފައިވާއިރު މިހާތަނަށް އެބިއުރޯއިން ޖަވާބު ދެއްވައިފައިވަނީ އެންމެ 2 މައްސަލައަށެވެ.
ރިޔާސީ އިންތިޚާބާއި ބެހޭ ގަވާއިދުގެ 55ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށައަޅާ މައްސަލައަކާމެދު އަމަލުކުރެވުނު ގޮތް މައްސަލަ ހުށައެޅި ފަރާތަށް ހުށައެޅި ތާރީޚުގެ ދެދެވަހުގެ ތެރެޭގައި ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭއިރު އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީއިން ހުށައަޅައިފައިވާ 12 މައްސަލައަކަށް ދެދުވަހުގެ މުއްދަތު ފަހަނަ އަޅައި ދިޔައިރުވެސް މައްސަލަ އާއި މެދު އަމަލުކުރެވުނު ގޮތް އަންގައިފައެއްނުވެއެވެ. ޖަވާބު އަރުވައިފައިވާ ދެމައްސަލައިގެ ތެރެއިން އެއްމައްސަލައިގެ ޖަވާބު ޕާޓީއަށް ރައްދުވާ ގޮތަށް އެޑްރެސްކުރުމުގެ ބަދަލުގައި އެޑްރެސްކޮށްފައިވަނީ ޕާޓީގެ “ކޮމްޕްލެއިންޓްސް ކޮމެޓީ”ގައި ހިމެނޭ މެންބަރެއްގެ އަމިއްލަ ހައިސިއްޔަތަށްކަންވެސް ފާހަގަކުރެވެއެވެ.
ޖަވާބު އަރުވައިފައިވާ އެއް މައްސަލައަކީ ޅ. ނައިފަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށްޓެއް ((G02.02.1 ބަހައްޓާ މަރުކަޒުގެ އިމާރާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޔަށް ބައެއް ނައިފަރު ކައުންސިލުން ދީފައިވާތީ އެއީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުންކޮށްފައިވާ ކަމެއްކަމަށް ބުނެ އެމްޑީޕީއިން ހުށައެޅި ޝަކުވާއެވެ. މިޝަކުވާގެ ޖަވާބުގައި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ އިން ނިންމައިފައިވާ ނިންމުގައި ވަނީ އެކަމަކީ ގާނޫނު ނަންބަރު 2008/11 (އިންތިޚާބާއި ބެހޭ އާންމު ގާނޫނު 2008) ގެ 38 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދުން ފެށިގެން 100 ފޫޓު ހިމެނޭ ރޭޑިއަސްއެއް ހިމެނޭ ސަރަހައްދަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވައިފައިވާ ވޯޓު ފޮށީގެ ވެރިޔާގެ ހުއްދަނެތި ނުވަދެވޭ ސަރަހައްދަކަށް ވާތީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާދުވަހު އެފޮށްޓަން ވޯޓުލައިން ހަމަޖެހިފައިވާ މީހުންގެ ހިތްތަކުގައި އިންސާފްވެރިކަމާއި ހަމަހަމާއިއެކު ވޯޓުލުން ކުރިއަށް ހިނގާދާނޭ ކަމާއިމެދު ސުވާލު އުފެދިދާނެތީވެ އެވޯޓު ފޮށި އިލެކްޝަންސް ކޮމިޝަނަށް ދަންނަވައިގެން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
ދެވަނަ އަށް ޖަވާބު އަރުވައިފައިވާ މައްސަލައަކީ އަތޮޅުވެހީގައި ބަންދުކޮށްފައިވާ މީހަކު އެތަނަށް ރެޖިސްޓްރީކުރި ފަހުން ބަންދުން ދޫކޮށްލައިފައިވާތީ އޭނާގެ އިންތިޚާބީ ހައްގު ގެއްލިގެން ހިނގާދާނެތީވެ ހުށައަޅައިފައިވާ މައްސަލައެވެ. މިމައްސަލައިގެ ޖަވާބުގައި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމައިފައިވާ ނިންމުމުގައި ވަނީ އޭނާ މިހާރުވެސް ރެޖިސްޓްރީވެފައިވާ އަތޮޅުވެހި ޑިޓެންޝަން ސެންޓަރގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓު ލެވޭނެކަމަށެވެ. އަދި ‘ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި/ތަނެއްގައި ވޯޓް ދިނުމަށް ރެޖިސްޓްރީވެފައިވާކަމުގެ ރަސީދު’ ހިއްޕަވައިގެން ވަޑައިގަތުމަށްވެސް އެޖަވާބުގައިވެއެވެ.
އިންތިޚާބުގައި ވޯޓުލާ ދުވަސް ގާތްވެފައިވާއިރު އެމްޑީޕީއިން ހުށައަޅައިފައިވާ މައްސަލަތަކަށް ޖަވާބު ނުލިބި ލަސްވަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިޕާޓީއިން ކެނޑިނޭޅި މަސައްކަތްކުރަމުން މިދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ އިންސާފުވެރި އަދި އެއްވެސް ދިވެހި ރައްޔިތެއްގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނޭކަން ޔަގީންކުރުމަށެވެ.