24 އޯގަސްޓް 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މަންޞޫރު ޢަލީ މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ރެޕްރެޒެންޓޭޓިވްގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި މިސްޓަރ މަންޞޫރު ޢަލީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސްޓަރ މަންޞޫރު ޢަލީ ރާއްޖެއަށް ޚިދުމަތްކޮށްދެއްވީ، ރާއްޖޭގެ ތާރީޚްގައިވެސް އަދި ރާއްޖޭގެ ސިޔާސީ ޙަޔާތުގައިވެސް ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށާއި، މި ދަނޑިވަޅުގައި އޭނާ ރާއްޖެއަށް ޚިދްމަތް ކޮށްދެއްވާފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެވަޑައިގެން ހުންނަވައިގެން ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރު ބޭއްވުނު މޯލްޑިވްސް ޑޯނަރ ކޮންފަރެންސް ބޭއްވުމުގަޔާއި، އަދި މި ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހެއްދެވުމުގައި، އޭރު ރާއްޖޭގައި ހުންނެވި އ.ދ.ގެ އެންމެ އިސް އޮފިޝަލްގެ ހައިސިއްޔަތުން މިސްޓަރ މަންޞޫރު ޢަލީ ކޮށްދެއްވި މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅު ކުރެއްވުމަށް މިސްޓަރ މަންޞޫރު ޢަލީ ކުރައްވަން ފެށްޓެވި މަސައްކަތްޕުޅު ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިސްޓަރ މަންޞޫރު ޢަލީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަގާމުގެ ވާޖިބު އަދާކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންނާއި، ސަރުކާރުގެ އިދާރާތަކުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، ޔުނިސެފުގެ ރީޖަނަލް ޑައިރެކްޓަރ ފޮރ ސައުތް އޭޝިޔާ މިސްޓަރ ޑެނިއެލް ޓޫލް ބައިވެރިވެވަޑައިގެންނެވިއެވެ.