‘އާ ބާރެއް އެއްބުރުން’ ކެމްޕެއިން ޓީމު ރާއްޖޭގެ 6 އަތޮޅަަކަށް ދަތުރު ފަށައިފި

805176748

‘އާ ބާރެއް އެއްބުރުން’ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިސްވެހުންނަވައި ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި ރާއްޖޭގެ 6 އަތޮޅެއްގެ 14 ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރެއް މިއަދު ހެނދުނު ފައްޓަވައިފިއެވެ. އެމަނިކުފާނާއެކު މިދަތުރުގައި ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި އެއަތޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނަ އަތޮޅު އަދި ރަށު ކޯރޑިނޭޓަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަދު (1 ސެޕްޓެމްބަރ 2013)ގައި ކެމްޕެއިން ޓީމު ހަރަކާތްތެރިވަމުންދާނީ ކ. އަތޮޅާއި ވ. އަތޮޅުގައެވެ. މިގޮތުން ކ. ގުޅި، ކ. މާފުށި، ކ. ގުރައިދޫ އަދި ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫއަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. މާދަމާ (2 ސެޕްޓެމްބަރ 2013) ކެމްޕެއިން ޓީމު ދިޔުމަށް ހަމަޖެހިފައިވަނީ ވ. ރަކީދޫ، މ. މަޑުއްވަރީ، މ. ދިއްގަރު، މ. މުލި، ދ. ބަނޑިދޫ، ފ. ފީއަލި އަދި ފ. ނިލަންދޫއަށެވެ. އެއަށްފަހު 3 ސެޕްޓެމްބަރގައި ‘އާ ބާރެއް އެއްބުރުން’ ކެމްޕެއިން ޓީމު ޒިޔާރަތްކުރާނީ ސ. ހުޅުމީދޫއަށެވެ.

“އާ ބާރެއް އެއްބުރުން” ޓީމު ހަރަކާތްތެރިވާ ރަށްރަށުގައި ހަރުގެ ޖަލްސާތަކާއި ކަންމަތީ ޖަލްސާތައް ބާއްވަވައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ވަގުތު ތަންދޭ މިންވަރަކުން ދޮރުން ދޮރަށް ހިންގަވައި އެމްޑީޕީގެ މެނިފެސްްޓޯގައިވާ ކަންތައްތައް އޮޅުންފިލުވައިދެއްވާ މައުލޫމާތު ދެއްވާނެއެވެ. ހަމައެހެންމެ އެރަށްރަށުގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕެއިން އޮފިޝަލުންނާއި ބައްދަލުކުރައްވައި ކެމްޕެއިންގެ މަސައްކަތް ކުރިއަށް ދާގޮތް އޮޅުންފިލުއްވާނެއެވެ.