ރައީސް ނަޝީދަށް ތާއީދު އިތުރު ކުރުމަށް ޗެއަރޕަރސަންގެ ކެމްޕެއިން ދަތުރުފުޅު ބ. އަތޮޅާއި، ނ. އަތޮޅަށް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާއީދު އިތުރު ކުރުމަށް ޕާޓީގެ ޗެއަރޕާސްނ މޫސާ މަނިކު ކެމްޕެއިން ދަތުރުފުޅު ބ. އަދި ނ. އަތޮޅުގައި ކުރިއަށް އެބަގެންދަވައެވެ. . އިއްޔެ (31 އޮގަސްޓް 2013) ހަވީރު ފެއްޓެވި މިދަތުރުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި 2އަތޮޅުގެ ބައެއް ރަށް ތަކަށެވެ.

މިދަރުފުޅުގައި ރޭ ބ. އޭދަފުށީގައި ވަނީ ވަރަށް ފުރިހަމަ ޖަލްސާއެއް ބާއްވަވައިފައެވެ. ޗެއަރޕަރސަން ހާމަކުރެއްވި ގޮތުގައި އެޖަލްސާ ވެގެންދިޔައީ ޕާޓީއަށް ވަރަށް ތާއީދު ލިބިފައިއޮތް ޖަލްސާއަކަށެވެ.

އޭދަފުއްޓަށް ފަހު މިއަދު ބ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރައްވާ މިރޭ ނ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ރަށްތަކުގައި ދޮރުން ދޮރަށް ހިންގަވައި ޕާޓީގެ މެނިފެސްޓޯގައިވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ ރައްޔިތުންގެ މެނިފެސްޓޯއާއި ބެހޭގޮތުން ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކަންމަތީ ބައްދަލުވުމާއި ހަރުގެ ބައްދަލުވުންތައް ބާއްވަވައި އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު ދީ، އެމްޑީޕީގެ ސަރުކާރުން ކުރިން ވެފައިވާ ވައުދު ފުއްދަމުން ދިޔަ ގޮތް ކިޔައިދެއްވައިނެއެވެ. ބަޣާވާތުގެ ސަބަބުން މަޝްރޫއުތައް ހުއްޓިފައިވާ ގޮތާއި، އެބަޣާވާތުގެ ސަބަބުން ލިބުނު ގެއްލުމުގެ މައުލޫމާތު ދެއްވާނެއެވެ.

ޗެއަރޕަރސަން މޫސާ މަނިކާއި އެކު މިކެމްޕެއިން ދަތުރުފުޅުގައި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން އެ ދެއަތޮޅުގައި ހަރަކާތްތެރިވަމުންދާ އަތޮޅު ކޯރޑިނޭޓަރުންނާއި، ރަށު ކޯރޑިނޭޓަރުން އަދި ކެމްޕެއިން އޮފިޝަލުން މިދަތުރުފުޅުގައި ބައިވެރިވެއެވެ.