ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނާނީ އިލެކްޓްރޯނިކްކޮށް ހަމައެކަނި އެސްއެމްއެސް އިން ވޯޓުލެވޭ ގޮތަށެވެ. އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓިންގ ސްޓޭޝަނެއް ޤާއިމްކޮށް، އެރަށެއްގެ އެމްޑީޕީ މެންބަރުންގެ ވޯޓު އެސްއެމްއެސް ކުރާނޭ ވަކި ޚާއްޞަ ފޯން ނަންބަރެއް ކަނޑައެޅޭނެ ވާހަކަ ދަންނަވަމެވެ.
ހަމަމިއާއެކު، އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ދުވަހު އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި (މާލެ ފިޔަވައި) ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާނަމަ، އެމީހަކު ވޯޓުލާން ބޭނުންވާ ފޯން ނަންބަރު މި އޮފީހުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖައްސައި އެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މާލޭގައި ދިރިއުޅުއްވާ އެހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ މީހުން ވޯޓުލުމުގެ ކުރިން ރަޖިސްޓްރީ ކުރާކަށްނުޖެހެނެއެވެ. އަދި އެ މީހުންނަށް އެ މީހުންގެ ދާއިރާގެ ކެނޑިޑޭޓުންނަށް މާލޭގައިތިބެގެން ވޯޓުލެވޭނޭ އިންތިޒާމް އެމްޑީޕީ ހަރުގޭގައި ހަމަޖެހިގެންދާނޭ ކަމަށްވެސް ދަންނަވަމެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ފޯން ނަންބަރު ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ވޯޓިންގ ސްޓޭޝަނެއްގެ ފޯންނަންބަރަކުން ވޯޓު އެސް އެމްއެސް އެއް ނުކުރެވޭނެއެވެ. އަދި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯން ނަންބަރަކީ ކޮންމެހެން އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައިވާ ފޯން ނަންބަރަކަށް ވުން ލާޒިމެއް ނޫނެވެ.
ވީމާ، އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް ތިރީގައި މިދަންނަވާ މަޢުލޫމާތު، ފެކްސް ނުވަތަ އީމެއިލްގެ ޒަރިޢާއިން 29 އޯގަސްޓް 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 4.00 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. މެއިލްކުރައްވާނީ: register@mdp.org.mv އަށެވެ. ފެކްސްކުރައްވާނީ 3322960 މިނަންބަރަށެވެ.
1. ފުރިހަމަ ނަން
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު
3. މަންމަގެ ނަން
4. ދާއިމީ އެޑްރެސް
5. މިހާރު ދިރިއުޅޭ އެޑްރެސް
6. އިންތިޚާބީ ދާއިރާ
7. ވޯޓުލާ ފޯން ނަންބަރު
8. އީމެއިލް
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 އަށް ގުޅުއްވުންއެދެމެވެ.
ފެކްސް: 3322960 ވެބްސައިޓް: www.mdp.org.mv
23 އޮގަސްޓް 2010