ނެޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް މިއަދު އަރުއްވައިފި

23 އޯގަސްޓް 2010

nepal

ނެޕާލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ސުޝިލް ޗަންދްރަ އަމަތިޔަ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ނޭޕާލްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއާއި ނޭޕާލާ ދެޤައުމަކީވެސް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، އާ ޑިމޮކްރަސީތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެ ޤައުމަށްވެސް ކުރިމަތިވަމުން އަންނަ ކަމުގައި ވިދާޅުވިއެވެ. އަދި، މި ގޮންޖެހުންތަކުން ދެ ޤައުމުންވެސް އަރައިގަނެވޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.