ލިޔުނީ: އަހްމަދު އަޒްހަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ޝާހިދް މިއަދު (31 އޯގަސްޓް 2013) ހެނދުނު ކ.އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި “އާ ބާރެއް އެއް ބުރުން” އެއްދުވަހުގެ ދަތުރުފުޅުގެ އެއްމެފަހު ރަށް، ހިންމަފުއްޓަށް ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ކ.އަތޮޅުން ދިއްފުށި، ތުލުސްދޫ، ހުރާ، ހިއްމަފުއްޓަށް ޒިޔާރާތްކުރެއްވިއެވެ.
ކ.ދިއްފުށިން ފެއްޓެވި މިދަތުރުފުޅުގައި ޕާޓީގެ “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދެވިއެވެ. މިގޮތުން ޕާޓީގެ ސިޔާސަތުތަކާއި ވައުދު ތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި ޒިޔާރަތް ކުރެއްވި ކޮންމެ ރަށެއްގައިމެ އެމްޑީޕިގެ ކެމްޕެއިން ޖަގަހަ ވަނީ ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން ތުލުސްދޫގައި ވަނީ ބޮޑު ދިދައެއްވެސް ނަންގަވައިދެއްވާފައެވެ.
މިއަދު ޒިޔާރަތް ކުރެއްވި 4 ރަށުގައިވެސް ރައްޔިތުން އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ސަބަބުތަކާއި އެހެން ކެންޑިޑޭޓުންނަށް ވުރެ ރައީސް ނަޝީދު މިޤައުމުގެ ވެރިކަމަށް އެކަށީގެންވަނީ ކީއްވެގެންކަންވެސް ވިދާޅުވެދެއްވިއެވެ. ހަމަ އެހެންމެ ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ބަޣާވަތަށް ފަހު ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢު ތައް ހުއްޓިފައިވާކަން އޮޅުންފިލުއްވައިދެއްވިއެވެ.
މަޖިލިސް ރައީސް އިސްވެ ހުންނަވައިގެން މި ކުރެއްވި ދަތުރުފުޅުގައި މާފަންނު ދެކުނުދާއިރާގެ މަޖިލިސް މެމްބަރ އިބްރާޙިމް ރަޝީދު (ބޮންޑަ)އާއި، ބާރަށު ދައިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޒުއާއި، ޕޮރިވިންސް ރައީސް އިރުފާނު ޒަކީ އަދި ދާއިރާ ރައީސް މުޙައްމަދު ފިރާގު ބައިވެރިވެ ވަޑައިގެންނެވިއެވެ.