އެމްޑީޕީގެ މެނިފެސްޓޯއަކީ ރާއްޖޭގެ ރައްޔިތުން ތަރައްގީކޮށްދޭނެ މެނިފެސްޓޯއެއް – ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ މެނިފެސްޓޯއަކީ ރާއްޖޭގެ ރައްޔިތުން ތަރައްގީކޮށްދޭނެ މެނިފެސްޓޯއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އަމަނިކުފާނުން މިހެންވިދާޅުވީ ށ.އަތޮޅަށް މިމަހުގެ 27 ފެށިގެން 3 ދުވަހަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ގޮއިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވުނު ‘އާ ބާރެއް އެއްބުރުން’ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ މެނިފެސްޓޯއަކީ ރާއްޖޭގެ ރައްޔިތުން ތަރައްގީކޮށްދޭނެ މެނިފެސްޓޯއެއްކަމާއި، ފަތުރުވެރިކަމަށް ބައްލަވައިލައްވަމުން ރާއްޖޭގައި އެސިނާއަތް ފެށުނުތާ 40އަކަށް އަހަރުވެ، އެތައް ބިލިއަން ޑޮލަރެއް ވަދެ، މިލިއަނަކާއި ގާތްކުރާ ވަރަށ ފަތުރުވެރީން އަންނަ އިރު ރާއްެޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ފިޔަވައި އިތުރު އެއްވެސް އެހީއެއް ލިބެމުންނުދާކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ މުއްސަނދިކަން އޮތީ ހައެއްކަ މީހުންގެ އަތުގައި ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯގެ ދަށުން ގެސްޓް ހައުސްގެ ސިޔާސަތުގެ ދަށުން އެމުއްސަނދިކަމުގައި އެންމެން ހިއްސާވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ފިހާރަތަކުގެ ވިކުރާއިން ފެށިގެން ރަށަށް އުމްރާނީ ތަރައްގީ އަންނާނޭކަން ފާހަގަކުރެއްވިއެވެ. އެގްރިވިޔަފާރީގެ ދަށުން ރަށުގެ އިގްތިސާދަަށް އަންނާނޭ ބަދަލަށް ލިބޭނެ ފަސޭހައަށް އެމަނިކުފާނު އަލިއަޅުވައިލެއްވިއެވެ. އަދި އިންތިޚާބާއި ގުޅިގެން ހަދިޔާ ބަހަން އަންނަ ބޯޓުތަކަށް ނޫނެކޭ ބުނެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދެވޭނެ ހަމައެކަނި ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ހޮވަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ނަޝީދަކީ މުޅި ރާއްޖޭގެ ތާރީޚުގައިވެސް މުސްކުޅިންނަސް ޕެންޝަން ދެއްވި، އެކަނިވެރި މައިންނަށް ގޮތެއް ހޯދައިދެއްވާ، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އެލަވަންސް ދެއްވި ފުރަތަމަ ރައީސް ކަމުގައެވެ. އަދި ‘ފްލެޓް ދޮންބެ’ އޭ ކިޔައި އެމަނިކުފާނަށް މަލާމާތްކުރަން ތިއްބާ ފްލެޓްތައް އަޅުއްވާ އެނަމަކީ އެމަނިކުފާނަށް ޝަރަފްވެރިކަން ލިބޭނަމަކަށްވެސް ބަދަލުވެގެންދިޔަކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ށ. ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ހުވަފެން ދައްކަން ކެރޭ އަދި އެދައްކާ ހުވަފެން ހަގީގަތަކަށްވެސް ހަދައިދޭ ޕާޓީ އެއްކަމަށެވެ. އެމަނިކުފާނު އިދިކޮޅު ފަރާތްތަކުން އެމްޑީޕީއިން ރައްޔިތުންނަށް ދޮގު ހުވަފެން ދައްކާކަމަށް ބުނާބުނުމަށް ރައްދު ދެއްވާ، އެމްޑީޕީގެ 3 އަހަރު ވެފައިވާ ވައުދުތައް ފުއްދައިފައިވާ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވިއެވެ. ށ. އަތޮޅަަށް ކުރެއްވި ދަތުރުފުޅުގަައި ގޮއިދޫ އަށާއި ނަރުދޫއަށްވެސް އެމަނިކުފާނު ވަޑައިގެންފައިވެއެވެ.

އިދިކޮޅު ކެނޑިޑޭޓުން ބަލިމީހުންނަށް 200 ޑޮލަރާއި ދެކޮޅު ޓިކެޓް ދީގެން މީހުން އަޅުވެތިކުރާ ޒަމާން ވޭތުވެ ގޮސް ރައީސް ނަޝީދުގެ ސަރުކާރުގައި ބޭސް ފަރުވާއަށް ސަލާންޖެހުން ނައްތާލައި، އައިޑީ ކާޑަކީ ކޮންމެ މީހަކަށް އެމީހެއްކުރަން ޖެހޭ ބޭހެއް ކުރުމަށް އޮތް ކާޑަކަށް ބަދަލުވެގެން ދިޔަކަމަށް ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ. މީގެ ކުރިން އެއީ ހުވަފެންކަމަށް މީހުން ބުނިކަމަށާއި، އެހެންނަމަވެސް އެކަންތައް ހަގީގަތަކަށް ހަދާ މިހާރު މިހުށައަޅަނީ އެމްޑީޕީގެ ސަރުކާރުން ފެށި އާސަންދަ ނިޒާމް އިތުރަށް ފުޅާކުރަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމަންޑޫއަކީ ރާއްޖޭގެ ނިސްބަތުން ބަލާއިރު އެމްޑީޕީގެ މެނިފެސްޓޯގައިވާ ފަޚުރުވެރި ހަމައިސްކޮޅަށް ތެދުވެވޭ މީހުން ދިރިއުޅޭ ރަށެއްކަމަށް ޝާހިދު ވިދާޅުވިއެވެ. މެރިކަލްޗަރގެ ވިޔަފާރި އަށް އަލިއަޅުވައިލައްވަމުން އެމްޑީޕީގެ ސިޔާސަތުގެ ދަށުން ރަށު މަސްވެރިންނަށާއި މަސައްކަތްތެރީންނަށް ލިބޭނެ ފަސޭހަތައް އެމަނިކުފާނު އޮޅުންފިލުވައިދެއްވިއެވެ. މިހާރުގެ ބަޣާވާތުގެ ސަރުކާރުން ބޭރުގެ ގައުމުތަކާއި އޮތް ގުޅުމަށް އައި ހީނަރުކަމަށް ބައްލަވައިލައްވަމުން ޝާހިދު ވިދާޅުވީ މިހާރު ހިލަވެލި ވިއްކާނެ ގައުމެއްވެސް ނުލިބޭކަމަށެވެ.

ނަރުދޫގައި ބޭއްވުނު ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ ރައީސް ނަޝީދު އެއްބުރުން ހޮވަންޖެހޭ ސަބަބު ނަރުދޫ ރައްޔިތުންނަށް ނޯޅޭނެކަމުގައެވެ. މިގޮތުން ދިގު މުއްދަތަކަށް ނަރުދޫ ރައްޔިތުން ރަށު ބަންދުގައި ތިއްބާ، އެރަށު ބަންދުން ވީއްލާ ކިތަންމެ ކުޑަ އާބާދީއެއްނަމަވެސް އަސާސީ ޚިދުމަތްތައް އެމްޑީޕީގެ ސަރުކާރުން ފޯރުކޮށްދިންކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް އެހިސާބުން ނުހުއްޓޭ ކަމަށާއި އާ ސިޔާސަތުތަކާއި އެކީ ނަރުދޫ އިގްތިސާދީ ޖަވާހިރަކަށް ހެދުމަށް ނިކުމެ މިއަދު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަރުދޫ ރައްޔިތުންނާއި މުޅި ށ. އަތޮޅުގެ ތަރައްގީ އާއި މި ވޯޓު ގުޅިފައިވާކަން ހަނދާންކޮށްދެއްވާ އެއްބުރުން ރައީސް ނަޝީދު ހޮވަންޖެހޭކަމށް ޝާހިދު ވިދާޅުވިއެވެ.