އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ މެންބަރޝިޕް ޑްރައިވަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދޭ

18 ނޮވެމްބަރ 2009
އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް މިދިޔަ އޮކްޓޫބަރު މަހު ފަށައިގެން ކުރިޔަށް ގެންދާ މެންބަރޝިޕް ޑްރައިވަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ. މިގޮތުން މި މެންބަރޝިޕް ޑްރައިވްގައި ށ. މިލަންދޫން އެކަނިވެސް 740 މީހުން އެމްޑީޕީއަށް ސޮއިކޮށްފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތަޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އެމްޑީޕީއަށް ވަންނަން ބޭނުންވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި ޕާޓީގެ ފޯމުފުރުމަށް ދަތިވެފައިވާ ފަރާތްތަކަށް މިމެންބަރޝިޕް ޑްރައިވްގެ ސަބަބުން ޕާޓީއާއި ގުޅުމުގެ ފުރުސަތު ލިބިގެން ހިގައްޖެ ކަމުގައެވެ. އަދި މިފަދަ ކާމިޔާބު ހަރަކާތެއް ހިންގިފައި މިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން މިކަމުގައި ލިބިގެންކަން ފާހަގަކޮށް މިކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ކާމިޔާބު ހަރަކާތްތައް ހިންގައި ޕާޓީ އިތުރަށް ވަރުގަދަ ވާނޭ ކަމުގައި އުއްމީދު ކުރައްވާ ކަމުގައި ޗެއަރޕާސަން ވިދާޅުވިއެވެ.

މި އޮކްޓޫބަރ 28 ގެ ނިޔަލަށް އިލެކްޝަންސްގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 24149 އެވެ. މީގެ އިތުރުން 1409 ފޯމު އިލެކްޝަނަށް ފޮނުވާފައިވާ އިރު، އިލެކްޝަނަށް ފޮނުވަންޖެހޭ އިތުރު 5618 ފޯމު އެބަހުރި ކަމަށް ރެޖިސްޓްރޭޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ދެއެވެ.

އެމްޑީޕީގެ މެންބަރޝިޕް ޑްރައިވް މިހާރު ކުރިޔަށްދާ ގޮތަށް ބަލާއިރު މި މަސް ނިމޭއިރު އެމްޑީޕީގެ މެންބަރުންގެ އަދަދު ތިރީސް ހާހަށްވުރެ އިތުރު ވާނެ ކަމަށް ލަފާ ކުރެވެއެވެ.