ރައީސް ނަޝީދު އަލަށް ވޯޓު ލާ ގިނަ އަދަދެއްގެ ޒުވާނުންނާއި “ސްޕީޑް ޑޭޓް” ހައްދަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަލަށް ވޯޓުލައި ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ އިވެންޓް (ސްޕީޑް ޑޭޓް) ރޭ (30 އޮގަސްޓް 2013) ސީ ހައުސް ކެފޭގައި ބާއްވަައިފިއެވެ. މިއިވެންޓްގައި ޒުވާނުންނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް ނަޝީދާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުުރުސަތު ލިބިގެންގޮސްފައިވެއެވެ.

މިއިވެންޓްގައި ބައިވެރިވި ޒުވާނުންނާއި ރައީސް ނަޝީދު ބައްދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިފައިވަނީ ތަފާތު ގްރޫޕްތަކަށް ބަހާލައި ކޮންމެ ގްރޫޕަކުންވެސް އެމަނިކުފާނާއެކު އެއް މިނެޓު ހޭދަކުރަން ލިބޭގޮތަށެވެ. މިގޮތުން ލިބިގެންދާ ވަގުތުގައި ރައީސް ނަޝީދާއި ކުރަން ބޭނުންވާ ސުވާލު ސީދާ އެމަނިކުފާނާއި ކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެއެވެ. ތަފާތު އެކިއެކި ދާއިރާތަކުންނާއި އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅޭގޮތުން ޒުވާނުން ވަނީ ރައީސް ނަޝީދާއި ސުވާލުކޮށްފައެވެ. އަދި ލިބުނު ވަގުތުކޮޅުގައި އެމަނިކުފާނާއެކު ފޮޓޯ ނެގުމާއި، އޮޓޯގްރާފް ހޯދުން ކުރިއަށް ދިޔައެވެ. ހަމައެހެންމެ އެކި އެކި ކަންކަމާއި ގުޅިގެން ޒުވާނުންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ރައީސް ނަޝީދާއި ހިއްސާކުރައްވައިފައިވެއެވެ.

200 އަށްވުރެ ގިނަ ޒުޥާނުންނާއި ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ރައީސް ނަޝީދު ބައްދަލުކުރައްވައިފައިވެއެވެ. އަދި ރިޔާސީ ކެނޑިޑޭޓަކު މިހާ ގާތުން ޒުވާނުންނާއި ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވައިފައިވާތީ ހާޒިރުވި ގިނަ ޒުވާނުން ރައީސް ނަޝީދަށާއި ކެމްޕެއިން ޓީމްއަށް ޝުކުުރު އަދާކޮށްފައިވެއެވެ. މިއިވެންޓް ވެގެންދިޔައީ ޒުވާނުންގެ ހިތުގައި އުފެދިފައިވާ ޝުއޫރުތައް ފާޅުކުރުމަށް އަދި ރައީސް ނަޝީދާއި ބައްދަލުކުރަން ބޭނުންވެފައިތިބި އަލަށް ވޯޓުލައި އެތައް ޒުވާނުންނަކަށް ރަނުގެ ފުރުސަތަކަށެވެ.