ކުރިއަށް ކުރިއަށް ކުރިއަށް’ މިއަދު މާލެ ސިޓަިގައި ބޭއްވި ލޮރީބުރު ވީ ވަރަށް ކާމިޔާބު ކެމްޕެއިން ހަރަކާތަކަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ‘ކުރިއަށް ކުރިއަށް ކުރިއަށް’ގެ ނަމުގައި ހާއްސަ ލޮރީ ބުރެއް މިއަދު (30 އޮގަސްޓް 2013) ހަވީރު މާލެ ސިޓީގައި ބާއްވައިފިއެވެ.
އަދި މި ލޮރީބުރު ވީ ވަރަށް ކާމިޔާބު ކެމްޕެއިން ހަރަކާތަކަށެވެ.

ލޮރީ ބުރުގަ ހުރިހާ އުޅަނދުތަކެއް ވަނީރީނދޫ ކުލައިގެ ފުއްޕާހަމުންނާއި ބެނަރތަކުންނާއި އަދި ފޮތިތަކުން ޖަރީކޮށްފައެވެ. ބައެއް ލޮރީތަކުގައި ވަނީ ‘އެއްބުރުން ރައީސް ނަޝީދު’ ކެމްޕެއިންގެ ތަފާތު ޕޯސްޓަރުތަކުންނާއި ޑިޒައިންތަކުން ޒީނަތްތެރިކޮށްފައެވެ. އަދި “އެއްބުރުން” ކެމްޕެއިންގައި ބޭނުންކުރަމުންދާ ލަވަތަކުންނާއި ރައީސް ނަޝީދުގެ ކެމްޕެއިން ވާހަކަފުޅުތަކުގައި ދެއްވަމުންދާ މެސެޖުތަކުން މުޅި ހިސާބު ވަނީ ގުގުމައިލާފައެވެ. މީގެ އިތުރުން މި ލޮރީބުރުގައި ބައިވެރިވި ސަޕޯރޓަރުން ވަނީ ވަރަށް ޖޯޝާއެކު ފޯރިނަގަމުން ގޮސްފައެވެ. އަދި ކެމްޕެއިންގައި ބޭނުންކުރަމުންދާ އެއްބުރުން ޝިއާރު ތަކުރާރުކޮށް ބޭނުންކޮށްފައިވެެއެވެ. ހަމައެހެންމެ ލޮރީބުރު ބެލުމަށް އެއްވެފައިވާ އާންމުންނަށް އެމްޑީޕީގެ މެނިފެސްޓޯ އާއި ގުޅޭ މައުލޫމާތު ހުރި އައްމަތީ ފޮތާއި ލިޔުން ބަހައިފައިވެއެވެ.

ބޮޑުތަކުރުފާނުމަގާއި، އަމީނީމަގު އަދި މަޖީދީމަގުގައި ކުރިއަށް ދިޔަ މިލޮރީބުރުގައި 60 އެއްހާ ލޮރީ އަދި 1000 އެއްހާ ސައިކަލު ބައިވެރިވެފައިވެއެވެ. މިލޮރީބުރުގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ މުސްތޮފާ ލުތުފީގެ އިތުރުން ޕާޓީގެ ގައުމީ މަޖިލީގުގެ މެންބަރުންނާއި، ގިނަ އަދަދެއްގެ ސަޕޯރޓަރުން ބައިވެރިވެފައިވެއެވެ.

ފޯރިގަދަކޮށް ކުރިއަށް ދިޔަ ލޮރީބުރު މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވުމަށްފަހު ނިންމާލައިފައިވަނީ އުސްފަސްގަނޑަށެވެ. ލޮރީބުރު މާލެ ސިޓީގައި ކުރިއަށް ދިޔަ ވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ‘ކުރިއަށް ކުރިއަށް ކުރިއަށް’ ގެނަމުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.