ޕްރޮސިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ސިޔާސީ ދަޢުވާތަކާއިބެހޭ ގޮތުން ނެރޭ ނޫސްބަޔާން.

noosbayan

ނަންބަރު:MDP–PG-2013-PR-004
ތާރީޚް: 30 އޮގަސްޓް 2013

ޕްރޮސިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ސިޔާސީ ދަޢުވާތަކާއިބެހޭ ގޮތުން ނެރޭ ނޫސްބަޔާން.

ދިވެހިރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކޮށްފައިވާ އެމް.ޑީ.ޕީގެ ވެރިކަން، 7 ފެބުރުއަރީ 2012 ގައި ބަދަލުކޮށްލީ ޣައިރުޤާނޫނީ އެތައްކަމެއްގެ މައްޗަށް ބިނާވެފައިއޮތް ބަޣާވާތަކުން ކަމަށްވެފައި، އެބަޣާވާތުގެ މުގުލުގައި ތިބިކަމަށް ޤަބޫލުކުރެވޭ މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުރި ޢަބްދުﷲ ރިޔާޒު އިސްވެހުރެ، އެމް.ޑީ.ޕީގެ ސަރުކާރުގެ އިސްވެރިން ”ފްރޭމްކޮށް” ނުރައްކާތެރި ރޭވުންތެރި ރޭވުން ތަކަކުން އުފައްދައި، ވުޖޫދު ކުރާ މައްސަލަތަކާ ގުޅުވައިގެން، މިޕާޓީއަށް ނިޞްބަތްވާ މީހުން ހައްޔަރު ކުރުމާއި، އެބައިމީހުންގެ މައްޗަށް އަޞްލެއް އުޞޫލެއްނެތި ދަޢުވާ އުފުލުމާއި، އަދި މިދެންނެވި ގޮތުގެމަތިން އުފުލާ ދަޢުވާތަކަށް ”ޚާއްޞަ އިސްކަމެއް” ދީގެން ޕްރޮސިކިއުޓް ކުރަމުންދާ މަސައްކަތް މިޕާޓީން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

މިގޮތުން ޕޮލިސް ކޮމިޝަނަރ މަޤާމުގައި މިހާރު ހުރި ޢަބްދުﷲ ރިޔާޒު މަޤާމާ ޙަވާލުވެހުރީ ޤާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ޤަބޫލުކުރާ އެތައްބަޔަކު ތިބުމާއި، އަދި ޢަބްދުﷲ ރިޔާޒު އަދާކުރަމުންދާ މަޤާމަކީ، ޤާނޫނީ ހަމަތަކުގެމަތިން އަދާކުރަމުންދާ މަޤާމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ފަރާތެއް ކަމަށްވުމާއި، އަދި ޢަބްދުﷲ ރިޔާޒަކީ ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނަވައިގެން ސިޔާސީ ބަޔާންތައް ނެރުމުގެ އިތުރަށް ސިޔާސީ ވަކިބަޔަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ޢަމަލުކުރައްވަމުންދާ ފަރާތެއް ކަމަށްވުމާއި، ޢަބްދުﷲ ރިޔާޒު ކުރައްވަމުން ގެންދަވާ ޣައިރު ޤާނޫނީ ކަންތައްތަކުގެ ތެރޭގައި މިޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ނާއިބް ލީޑަރުގެ މައްޗަށާއި، ސެކްރެޓަރީ ޖެެނެރަލާއި މިޕާޓީގެ އިސްވެރިންނާއި އިސް ހަރަކާތްތެރިންގެ މައްޗަށް މިހާރު ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާއަކީ ޢަބްދުﷲ ރިޔާޒު ސިޔާސީގޮތުން މިޕާޓީއާއި، މިޕާޓީއަށް ނިޞްބަތްވާ މީހުންގެ އަގު ވައްޓާލުމަށްޓަކައި އުފުލާފައިވާ ދަޢުވާއެއްކަން ޚާއްޞަގޮތެއްގައި ފާހަގަކުރަމެވެ.

06 ފެބުރުއަރީ 2012 ވަނަ ދުވަހުގެ ރެއާއި، 07 ފެބުރުއަރީ 2012 ވަނަ ދުވަހު ދިވެހި ސިފައިންނާއި، ފުލުުހުން ޤައުމީ ސަލާމަތަށް ނުރައްކާވާގޮތަށް ޢަމަލުކޮށް، ދިވެހި އެތައް ރައްޔިތުންނަކަށް އަނިޔާކޮށް، ޤާނޫނު އަސާސީއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ޙައްޤުތަކަކުން ދިވެހިރައްޔިތުން މަޙުރޫމް ކުރުވާފައިވާކަން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ތަޙްޤީގް ސާބިތުވާން އޮތުމާއެކު، އެފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް (ކޯނީ) ގެ ރިޕޯޓުން ސާފުކޮށް އެނގެން އޮތްއިރު، އެ ޖިނާއީ ކުށްތައް ހިންގުމުގައި ބައިވެރިވި ދިވެހި ސިފައިންނާއި ފުލުހުންނާއިމެދު ފިޔަަވަޅު އަޅުއްވައި، އެފަރާތްތަކާއިމެދު ޤާނޫނު އަސާސީ އާއި، ޤާނޫނުތަކުން ޙައްޤުވާ އަދަބު ދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ޤާނޫނު އަސާސީން ލާޒިމްކުރާ ކަމަކަށްވީއިރު، އެޒިންމާ އުފުލުމުގައި ފަސްޖެހި، އެފަރާތްތަކާމެދު ފިޔަވަޅު އަޅާފައިނުވުމަކީ، ”ވަކިފަރާތަކަށް ބުރަވުން” ކަމަށް ޤަބޫލުކުރެވޭތީ އާއި، އަދި މިއީ އަހުމަދު މުއިއްޒުގެ ކިބައިގައި އެމަޤާމް އަދާކުރުމުގެ ޤާބިލްކަން ނެތްކަމަށް ޤަބޫލުކުރެވޭ ކަމެކެވެ. ޣައިރުޤާނޫނީ ޕޮލިސް ކަމަށަނަރާއި ޕްރޮސކިއުޓަރ ޖެނެރަލްގެ ވަކި ފަރާތަކަށްނ ޖެހިފައިވާ މިފަދަ އަމަލުތަކުގެ ސަބަބުން، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަމާއި ހަމަހަމަކަން ވަނީ ގެއްލިގެން ގޮސްފައެވެ.
މިޕާޓީން ދެކޭގޮތުގައި، ޤާނޫނީ އިމުގެ ބޭރުން މަޤާމާ ޙަވާލުވީކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ އަދި އެކަން ކަނޑައަޅައި ދިނުމަށް ކޯޓަށް މައްސަލަ ހުށަހެޅިފައިވާ، އަދި މަޤާމުގެ ޙައިސިއްޔަތާއިމެދު ޝައްކުއުފެދިފައިވާ ޕޮލިސް ކޮމިޝަނަރަކު އިސްވެހުރެގެން ހިންގާ ތަޙްޤީގަކީ ޣައިރުޤާނޫނީ ތަޙްޤީގަކަށް ނޫނީ ނުވާނެއެވެ. އަދި އެތަޙްޤީގުތަކުގެ މައްޗަށް ބިނާކޮށްގެން ޕްރޮސެކިއުޓަރ ޖެނެރަލް އުފުލާ ސިޔާސީ ދަޢުވާތަކަކީ އޭނާގެ މައްޗަށް ވަކިބައެއްގެ ސިޔާސީ ނުފޫޒު އޮވެގެން އުފުލާފައިވާ އަދި އުފުލަމުންދާ ދަޢުވާތަކެވެ. އަދި މިޕާޓީން ދެކެނީ އަދި ޤަބޫލުކުރަނީ މިކަންކަމަކީ ބަޣާވަތުގެ ބައިވެރިންދުރާލާ ރާވައިގެން ގާނޫނު އަސާސީއާއި ޤާނޫނުތަކާއިވެސް ޚިލާފަށް ހިންގާ ކަންތައްތަކެކެވެ.

ކަންމިހެން ހުރުމާއެކު، ޕްރޮސިކިއުޓަރ ޖެނެރަލް ވަކި ފަރާތަކަށް ޖެހިގެން، ވަކި ބައެއްގެ ނުފޫޒުގައި ބެނދެވި ހުރެގެން މިޕާޓީގެ އިސްވެރިންނާއި އިސް ހަރަކާތްތެރިންގެ މައްޗަށް އުފުލާފައިވާ ސިޔާސީ އަދި ޣައިރުޤާނޫނީ ދައުވާތައް އަނބުރާ ގެނުމަށާއި އަދުލުވެރިކަމާއި ހަމަހަމަކަމާއި އިންސާނީ ކަރާމާތާއި ޙައްޤުތައް ހިމާޔާތްވެ، ރައްކާތެރިވާނެ ގޮތަށް ޢަމަލުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް