12 ނޮވެމްބަރ 2009
ނަފްރަތާއި ހަސަދައާއި ރުޅިވެރިކަމަކީ ލޯތްބާއި އެކުވެރި ކަމާއި އިޚްލާޞްތެރިކަމުގެ ކުރިމަތީގައި ފަނާވެގެންދާނޭ ކަންތައް ކަން އެމްޑީޕީން އަނެއްކާވެސް ރައްޔިތުންނަށް ދައްކައިދީފި ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޝަހީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޑީއާރުޕީ އާއި ޕީއޭއިން އިސްނަގައިގެން އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓު ނާކާމިޔާބުކޮށްލުމުގައި އެމްޑީޕީން ކުރި މަސައްކަތް ފާހަގަކޮށް އެޕާޓީއަށް ޝުކުރު އަދާކުރުމަށް އެމްޑީޕީގެ ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އަށް އެމަނިކުފާނު އިއްޔެ ފޮނުއްވެވި ސިޓީ ފުޅެއްގައެވެ.
ޑީއާރުޕީއާއި ޕީއޭ އިން އިސްނަގައިގެން އެމަނިކުފާނުގެ އިތުބާރުނެތް ކަމަށް ނެގި ވޯޓު ނާކާމިޔާބު ވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ލީޑަރޝިޕް އާއި ޕާލިމަންޓްރީ ގްރޫޕާއި ޤައުމީ މަޖިލީހާއި އާއްމު މެންބަރުންގެ ސާބިތުކަމާއި ހުށިޔާރުކަމާއި އިޚްލާޞްތެރިކަމާއި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުންނާއި އެމްޑީޕީން ކުރި މިންނަތް މަސައްކަތުގެ ސަބަބުން ކަމުގައި ޚާރިޖީ ވަޒީރު ޑރ. ޝަހީދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.
” މި ވޯޓަކީ އަޅުގަނޑާ ދެކޮޅަށް ނެގި ވޯޓަކަށް ވީހިނދު ވަރަށް ފުން އިޙްޞާސްތަކެއް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ މިކަމުގައި ކުރަން ޖެހުނެވެ. އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާ ކުރަން ޖެހުނު އިޙްޞާސްތަކާ އެއް ފުން މިނަކަށް ނުވަތަ އެއަށްވުރެ ބޮޑަށް އެއިޙްޞާސްތައް އެމްޑީޕީން ކުރައްވަމުން ގެންދިޔަތަން ފެނުމުންނެވެ. އަދި ޕާޓީގެ ނުގުޑާފަދަ ސޮލިޑަރިޓީއެއް އޮތްކަން އަނެއްކާވެސް ހާމަވެގެން ދިއުމުންނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީން އަނެއްކާވެސް ރައްޔިތުންނަށް ދައްކާމިދިނީ ނަފްރަތާއި ހަސަދައާއި ރުޅިވެރިކަމަކީ ލޯތްބާއި އެކުވެރި ކަމާއި އިޚްލާޞްތެރިކަމުގެ ކުރިމަތީގައި ފަނާވެގެންދާނޭ ކަންކަން ކަމެވެ.” ޑރ. ޝަހީދުގެ ސިޓީފުޅުގައި ވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ މިވޯޓުން ދެކަމެއް ހާމަ ވެގެންދިޔަ ކަމަށާއި، އެއް ކަމަކީ އެމްޑީޕީ އަކީ އެއްވެސް ރައްޔިތަކާއިމެދު ޒާތީ ކަމެއް ނުގެންގުޅޭނޭ ޕާޓީއެއް ކަމާއި، ދެވަނަ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ތާޢީދު އަދުގެ ސަރުކާރަށް އޮތްކަން ކަމުގައެވެ.