ވޯޓު ލާ ދުވަހު ހަރަކާތްތެރިވާ ޕާޓީގެ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ގއ،ގދ ގައި ކުރިއަށް ދަނީ

7 ސެޕްޓެމްބަރގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ހުވަދު އަތޮޅުގައި ކުރިއަށް އެބަދެއެވެ. މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ގއ،ގދ އަތޮޅު ކޯރޑިނޭޓަރ އެމްޑީޕީ ސަރުކާރުގެ ހެލްތް މިނިސްޓަރ ޑރ. އައިމިނަތު ޖަމީލް އަދި ދާއިރާގެ ކެމްޕެއިންގެ އަމަލީ މަސައްކަތްތެރިންނެވެ.

މިގޮތުން އެއަތޮޅުތަކުގެ ރަށްރަށުގައި ވޯޓު ފޮށި ކައިރީ ހަރަކާތްތެރިވާ އޮބްޒާރވަރުންނާއި، އެދުވަހު ހަރަކާތްތެރިވާ އޮފިޝަލުން، އެގްޒިޓް ޕޯލްސް ބަލަހައްޓާ އޮފިޝަލުންނަށް ހާއްސަ ތަމްރީނު ދެވިފައިވެއެވެ. މިތަމްރީނުތަކުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާން ޖެހޭ ގޮތާއި ކަންކަން ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު އޮފިޝަލުންނާއި ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން މި ފަހަރު ޒިޔާރަތްކުރެއްވުމަށް ކަނޑަ އަޅައިފައިވާ މި ރަށްތަކުގައި އޮފިޝަލުން ތަމްރީނުކުރުމުގެ އިތުރުން ދޮރުން ދޮރަށް ހިނގާ ޓާގެޓް ގްރޫޕްތަކާއި ބައްދަލުކުރުމާއި، އެމްޑީޕީގެ މެނިފެސްޓޯ ރައްޔިތުންނަށް ކިޔައިދީ މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތްކުރާ ޓީމުން ވަނީ ވިލިނގިލި، ދާންދޫ، މާމެންދޫ، ނިލަންދޫ އަށް މިހާތަނަށް ވަޑައިގެންފައެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ކުރިން ރާވައިފައިވާ ގޮތަށް ރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް މަޑުޖައްސާލައިފައި ވީނަމަވެސް ދަތުރު ކުރެވޭވަރަށް މޫސުން ރަގަޅުވުމުން ދަތުރުތައް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.