10 ނޮވެމްބަރ 2009
ރާއްޖޭގައި ބޭއްވުނު ގިނަ ޕާޓީ ވާދަކުރި ފުރަތަމަ ރިޔާސީ އިންތިޚާބު، އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައި، ޑިމޮކްރަސީގެ އުޞޫލުން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އެމަނިކުފާނު ވެ ވަޑައިގެން ސަރުކާރު ހިންގަވަން ފެއްޓެވިތާ އެއް އަހަރު ފުރުމުގެ މުނާޞަބަތުގައި އެމްޑީޕީން އިންތިޒާމް ކޮށްގެން މާލޭގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފިއެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައި، ހޯމަ ދުވަހު ހަވީރު 4.00 ގައި ސޯޝަލް ސެންޓަރު ކައިރިން ފެށިގެން މަޖީދީ މަގު ހުރި ގޮތަށް ގޮސް އާރޓިފިޝަލް ބީޗް ސަރަހައްދަށް ނިންމާލި މި ހިނގާލުމުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކުގެ އިތުރުން ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ވަރަށް ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ސަރުކާރަށް ތާޢީދު ކުރާ ވަރަށް ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.
އެމްޑީޕީން މި ބޭއްވި ކާމިޔާބު ސުލްހަވެރި ހިނގާލުން އާރޓިފިޝަލް ބީޗަށް ނިންމާލުމަށްފަހު އިއްތިހާދުގެ ބޭފުޅުން ހިނގާލުމުގެ ބައިވެރިންނާ މުޚާޠަބު ކުރެއްވި އިރު މި ހިނގާލުމުގެ ބައިވެރިން އެތުރިގެން ތިބީ އާރޓިފިޝަލް ބީޗްގައި އެމްޑީޕީން އެންމެ ފުރަތަމަ ބޭއްވި މުޒާހަރާގެ ހަނދާން އާކުރުމުގެ ގޮތުން އެމުޒާހަރާގައި އެތުރިގެން ތިބި ބުރުގެ ވަށައިގެންނެވެ. މިހިނގާލުމުގެ ބައިވެރިންނާ މުޚާޠަބު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ހުސައިން ރަޝީދު އަހުމަދާއި، ގައުމީ އިއްތިހާދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ އާއި، މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރު މުހައްމަދު ނަޢީމް އާއި، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އިބްރާހީމް ދީދީ ވާހަކަފުޅު ދެއްކެވިއެވެ.
ރާއްޖޭގައި 30 އަހަރު ވަންދެން ހިންގަމުން ދިޔަ ސަރުކާރު، ޑިމޮކްރަސީގެ ރިވެތި އުޞޫލާ އެއްގޮތަށް ޤާނޫނީ ހަމަތަކުގެ މަތިން ވައްޓާލައި، ރައްޔިތުންގެ ސަރުކާރެއް ޤާއިމްވިތާ އެއް އަހަރުފުރުން ފާހަގަކުރުމަށް މިބޭއްވި ޚާއްސަ ހިނގާލުމުގައި ބޯވާރޭގެ ތެރޭގައި އެމްޑީޕީގެ އެތައްހާސް ސަޕޯޓަރުންނާއި، ސަރުކާރަށް ތާޢީދު ކުރައްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ރަމްޒުކޮށްދެނީ އަދުގެ އޯގާތެރި ސަރުކާރަކީ ރައްޔިތުން ބަލައިގަންނަ، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ ސަރުކާރެއް ކަމެވެ.