ރިޔާސީ އިންތިޚާބު ބޭއްވުމަށް ޕީ.ޕީ.އެމް ގެ ފަރާތުން ހުރަސްއެޅުމަށްކުރާ މަސައްކަތް ކުށްވެރިކުރުން

noosbayan

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ޤާނޫނުގައިވާގޮތުގެ މަތިން ކަނޑައަޅައި ހަމަޖައްސާފައިވާ ތާރީޚު ކަމުގައިވާ 7 ސެޕްޓެމްބަރުގައި އެ އިންތިޚާބު ނުބޭއްވޭނޭ ގޮތް ހެދުމަށް މަސައްކަތްކުރާކަމަށް ބެލެވޭގޮތަށް ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން މަސައްކަތްކުރަމުން ދާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކުށްވެރިކުރަމެވެ.

ޤާނޫނު އަސާސީގެ 110 ވަނަ މާއްދާއިން ލާޒިމުކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހެއްގެ މަޤާމުގެ ދައުރު ހަމަވުމުގެ ސަތޭކަ ވިހި ދުވަހާއި ތިރީސް ދުވަހާ ދެމެދުގައި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް އިންތިޚާބު ބާއްވަންވާނެކަމަށެވެ. އެހެންކަމުން 7 ސެޕްޓެމްބަރުގައި މި އިންތިޚާބު ނުބޭއްވިއްޖެ ނަމަ ޤާނޫނު އަސާސީއާއި އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ތާރީޚުގައި ރިޔާސީ އިންތިޚާބު ބޭއްވޭނޭގޮތެއް ނުވާނޭކަން ފާހަގަކުރަމެވެ. ޕީ.ޕީ.އެމް އިން އިލެކްޝަންސް ކޮމިޝަނާ ބެހޭ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިގެން، ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަށް އެ އިންތިޚާބު ނުބޭއްވޭނޭގޮތް ހެދުމަށް މަސައްކަތްކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނޭކަމެއް ނޫންކަމަށް ދެކެމެވެ.

އިލެކްޝަންސް ކޮމިޝަނަކީ ރިޔާސީ އިންތިޚާބާއި އަދި އެހެނިހެން އިންތިޚާބުތައް ބޭއްވުމުގެ މަސްއޫލިއްޔަތު ޤާނޫނުން މަތިކޮށް، އެ ބާރުވެރިކަން ދީފައިވާ ފަރާތްކަމަށް ވީހިނދު، އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެކޮމިޝަނުން މިހާރުވެނިމިފައިވަނިކޮށް، ކޯޓުތައް މެދުވެރިވެ އިންތިޚާބު ނުބޭއްވޭނޭ ގޮތްހެދުމާއި އިންތިޚާބު ލަސްކުރުމަށް ޕީ.ޕީ.އެމް އިން މަސައްކަތްކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނީ ބާރުވެރިކަން ކަނޑުވާލާ، އަދި ރައްޔިތުން ވޯޓުލައިގެން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމުގެ ޙައްޤު ގެއްލިދާކަމަކަށްވާތީ، އެބާވަތުގެ އަމަލުކުރުން ހުއްޓާލުމަށް ޕީ.ޕީ.އަށް އެމް.ޑީ.ޕީ އިން އިލްތިމާސްކުރަމެވެ.

28 އޯގަސްޓް 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް