މަޖީލީހުގެ ރައީސް އަބްދުﷲ ޝާހިދް ށ.އަތޮޅަށް ކުރައްވާ “އާ ބާރެއް އެއް ބުރުން” ދަތުރުފުޅުގައި މިއަދު ހަވީރު ފުރާވަޑައިގަންނަވައިފި

ލިޔުނީ: އަހްމަދު އަޒްހަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ޝާހިދް މިއަދު (26 އޯގަސްޓް 2013) “އާބާރެއް އެއްބުރުން” ކެމްޕެއިން ދަތުރުފުޅުގައި ފުރާވަޑައިގަންނަވައިިފިއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ށ.އަތޮޅުގެ ގިނަ ރަށްތަކަކަށް (ގޮއިދޫ، ކޮމަންދޫ، މަރޮށި، ފޯކައިދޫ، ޅައިމަގު، ނަރުދޫ، ފީވައް އަދި މިލަންދޫ) ޒިޔާރާތްކުރައްވާނެއެވެ.

ށ.ގޮއިދޫއިން ފެށުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި ހދ. ހަނިމާދޫގައި މި ރޭ މަޑުކުރައްވާ ރޭގަޑުގެ ޖަލްސާ ބާއްވަވާ ހެނދުނު ށ. އަތޮޅަށް ދަތުރުފައްޓަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި މައިގަޑު ގޮތެއްގައި ކުރިޔަށް ގެންދަވާ ކެމްޕެއިން ހަރަކާތްތަކުގައި ޕާޓީގެ ސިޔާސަތުތަކާއި ވައުދު ތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ސަބަބުތަކާއި އެހެން ކެންޑިޑޭޓުންނަށް ވުރެ ރައީސް ނަޝީދު މިޤައުމުގެ ވެރިކަމަށް އެކަށީގެންވަނީ ކީއްވެގެންކަންވެސް އޮޅުންފިލުއްވައިދެއްވާނެއެވެ.

މިދަތުރުފުޅުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ކަންމަތީ ޖަލްސާތައް ބޭއްވުމަށް ހަަމަޖެހިފައިވާކަންވެސް ފާހަގަކޮށްލަމެވެ. ހަމަ އެހެންމެ ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ބަޣާވަތަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުުން މައުލޫމާތި ހިއްސާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުންނާއެކު ބައިވެރިވެވަޑައިގަންނަވަނީ ބާރަށު ދާއިރާގެ މަޖްލިސް މެމްބަރ މުޙައްމަދު ޝިފާޒު، ކޮމަންޑޫ ދައިރާގެ މަޖްލިސް މެމްބަރ ހުސެއިން ވަޙީދު، ޤައުމީ މަޖްލިސް މެމްބަރ އަޙްމަދު ޙަލީމު (ދޮންބިލެއް) އަދި މީގެ އިތުރުންވެސް އިތުރު 11 ބޭފުޅަކު ޓީމުގައި ބައިވެރިވެވަޑައިގަންނަވައެވެ.