ހދ. ކުމުންދޫގެ “އެއްބުރުން ” ކެމްޕެއިން ފޯރިގައި ކުރިޔަށް

20130825_164005

7 ސެޕްޓެމްބަރ 2013 ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު “އެއްބުރުން” ހޮވުމަށްޓަކައި ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދާއިރު ހދ. ކުމުންދޫގައިވެސް މި ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިޔަށް ދާކަމަށް އެރަށުން ފާރިޝް އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ކުމުންދޫގައި މިހާރު ކުރިޔަށްދާ “އެއްބުރުން” ކެމްޕެއިން ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފާރިޝް ވިދާޅުވި، އެމްޑީޕީގެ “ބިރަކާނުލާ މަޖާކުރުން” ސިޔާސަތުގެ ދަށުން މި މަހުގެ 23 ވަނަ ދުވަހު ހަވީރު ޓީމުތަަކަށް ބަހާލައިގެން ރަށުގެ ޒުވާނުންގެ މެދުގައި ފުޓުބޯޅަ މުބާރާތެއް ބާއްވާފައިވާކަމަށާއި އަދި މި މުބާރާތަށް ފަހު މާލޭއިން މިހާރު އެރަށަށް ޒިޔާރަތް ކުރައްވާ ކެމްޕެއިން ޓީމުން އެރަށުގެ ޒުވާން ފުޓުބޯޅާ ކުޅުންތެރިންނަށް އެއްބުރުން ފުޓުބޯޅަ ހަދިޔާ ކޮށްފައިވާ ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ. މި މުބާރާތުގައި ބައިވެރިވި ޓީމު ތަކަކީ: ކްލަބް ޔޫތު ސްޕޯޓްސް ކުމުންދޫއާއި، ކުރެވި ޖަމްއިއްޔާއާއި، ކްލަބް ސަމާއެވެ.

މީގެ އިތިރުން މި މަހުގެ 24 ވަނަ ދުވަހު ހަވީރު ކުމުންދޫގެ އަންހެނުންގެ ރޫޙުގެ ހަރަކާތްތައްވެސް ކުރިޔަށް ގެންދިޔަ ކަމަށް ފާރިޝް ވިދާޅުވިއެވެ. މީގެ ތެރޭގައި އެދުވަހު ހަވީރު ޓީމު ކުރެވި އަދި ޓީމު ސަމާގެ މެދުގައި ވަރަށް ފޯރިގަދަ ބަށީ މެޗެއް ބާއްވާ އެއަށްފަހު “އެއްބުރުން” ބަށި ރެކެޓާއި ބަށި ބޯޅަ ވަނީ މި 2 ޓީމަށް ހަދިޔާ ކޮށްފައެވެ. އަދި އެދުވަހުގެ ރޭ ކުމުންދޫގައި ކަންމަތީ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ ޒަކަރިއްޔާ ޙަސަންގެ އިތުރުން ކުމުންދޫ އިން ފާރިޝް އަބްދުލް ޤައްޔޫމު އަދި ކުމުންދޫ ކައުންސިލުގެ ކުރީގެ ރައީސް އާދަމް ޢަލީ ވަނީ ޖަލްސާގެ ބައިވެރިންނާއި މުޙާތަބު ކުރައްވާފައެވެ.

ފާރިސް އިތުރަށް ވިދާޅުވިގޮތުގައި ކުމުންދޫގެ “އެއްބުރުން” ކާމިޔާބު ހިނގާލުން 25 ވަނަ ދުވަހު ހަވީރު ބާއްވާ އެ ރޭ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން އެކުވެ “ޖަގަހަ ބާބަކިޔޫ” އެއް ވަނީ ބާއްވާފައެވެ.

ކުމުންދޫގައި މިހާރު ހަރަކާތްތެރިވާ އެމްޑީޕީގެ ކެމްޕެއިން ޓީމުން މައުލޫމާތު ދިންގޮތުގައި އެރަށުން އެމްޑީޕީއަށް ކުރާ ސަޕޯޓު އެއްދުވަހުން އެނެއްދުވަހަށް ދަނީ އިތުރުވަމުންކަމުގައެވެ.