8 ނޮވެމްބަރ 2009
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މ. ކޮޅުފުއްޓަށް ބޯކޮށް ވާރޭ ވެހި ބައެއް ސަރަހައްދު ތަކުގައި ފެން ބޮޑުވެފައިވާތީ އެސަރަހައްދު ތަކުން ފެން ހިންދުމުގެ މަސައްކަތް ކޮޅުފުށީގެ އެމްޑީޕީ މެންބަރުން ކުރަމުން އެބަދެއެވެ.
މ. އަތޮޅު ކައުންސެލަރ މުހައްމަދު އާދިލް ވިދާޅުވީ، މި ވިއްސާރައިގައި 3 ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހި ކޮޅުފުށީގެ ބައެއް ސަރަހައްދު ތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ދަނޑުވެރި ކަމުގެ މަސައްކަތް ކުރާ ބައެއް ފަރާތްތަކަށް ގެއްލުންވެ، ކޮޅުފުށީ ސްކޫލްގެ ގުދަނަށް ފެންވަދެ ގުދަނުގައިވާ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމުގައެވެ.
” ކޮޅުފުއްޓަކީ މެދަށް އަޑިކޮށް އޮންނަ ޗަސްބިން ރަށަކަށްވާތީ އެރަށުގަ ވަރަށް ފަސޭހައިން ފެންބޮޑުވޭ. 3 ދުވަސް ވަންދެން ބޯކޮށް ވާރޭވެހުނީމަ ވަރަށް ބޮޑަށް ހަމަ ފެން ބޮޑުވެފަ އޮތީ. ބައެއް ސަރަހައްދު ތަކުގަ ޚާއްޞަކޮށް، ސްކޫލް ސަރަހައްދުގެ އިތުރުން ވަގުތީ ހިޔާތައް ހުންނަ ސަރަހައްދުގަވެސް ވަރަށް ބޮޑަށް ފެންބޮޑުވި. މިހާރު އެރަށުގެ އެމްޑީޕީ މެންބަރުން ޕަންޕު ބޭނުންކޮށްގެން މި ސަރަހައްދު ތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އެބަދޭ. “މ. އަތޮޅު ކައުންސެލަރ މުޙައްމަދު އާދިލް ވިދާޅުވިއެވެ. ” ސްކޫލް ސަރަހައްދުގަ އެންމެ ބޮޑަށް ފެންބޮޑުވީ. ސްކޫލުގެ ގުދަނަށް ފެންވަދެ ބައެއް ތަކެއްޗަށްވެސް ގެއްލުން ލިބި، ގުދަނުގަ ހުރި ތަކެތި އެހެންތަނަކަށް ބަދަލު ކުރަން ޖެހުނު.. މީގެ އިތުރުން ފެންބޮޑު ވުމުގެ ސަބަބުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް ބޮޑު ގެއްލުމެއް ލިބުނު.”
އެމްޑީޕީގެ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން ކޮޅުފުށީ ކައުންސެލަރ މުހައްމަދު ވަހީދު ވިދާޅުވީ ކޯރު ކޮނެގެން މޫދަށް ފެން ހިނދޭ ގޮތަށް އެމްޑީޕީގެ މެންބަރުން މިކުރާ މަސައްކަތް ކުރަމުން ދަނީ ގައުމީ ޖޯޝާއެކު ވަރަށް ފޯރީގައި ކަމުގައެވެ. އަދި 3 ދުވަސް ވަންދެން މިކުރި މަސައްކަތުން 2 ފޫޓަށް ވުރެ ބޮޑަށް ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު މިހާރު މުޅިންހެން ހިންދާލެވިފައިވާ ކަމުގައެވެ. އަދި ރަށު ކައުންސެލަރުގެ ހައިސިއްޔަތުން މި މަސައްކަތުގައި އެކި ގޮތްގޮތުން ޝާމިލު ވެލެއްވި ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމުގައި ކައުންސެލަރ މުހައްމަދު ވަހީދު ވިދާޅުވިއެވެ.