ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސްއާ މިއަދު ބައްދަލުކުރައްވައިފި

22 އޯގަސްޓް 2010

china

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ޗެން ޑެމިންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ކޮމާސް މިނިސްޓަރ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުންނާއި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، މީގެ އިތުރުން އިޤްތިޞާދީ އަދި އެހެނިހެން ދާއިރާ ތަކުން ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ފޯރުއްވައިދެއްވުމާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު ވަރަށް ގިނަ ދާއިރާތަކެއްގައި އެއްބާރުލުން އިތުރުކުރެއްވިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން، ތިމާވެށްޓާ ރައްޓެހި ގޮތުގައި ތަރައްޤީ ޙާޞިލުކޮށް، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް، މިދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ހިންގެވުމުގެ ޝައުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް އަތްފޯށާފަށުގައި ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތުގެ ދަށުން ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދަވާ 1000 ހައުސިން ޔުނިޓް ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢަކީ، ރާއްޖެއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެއްވަމުންގެންދަވާ ގިނަ އެހީތަކާއި ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރެވި، މިނިވަން ދުވަހު ހުޅުވުނު ޤައުމީ ދާރުލްއާޘާރުގެ ބޭނުންތެރިކަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.

ޗައިނާގެ ކޮމާރސް މިނިސްޓަރ ޗެން ޑެމިންގ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުއްވައިދެއްވުމަށް ޗައިނާ ސަރުކާރު ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުކުރުމަށް މަގުފަހި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ރާއްޖެއާ ޗައިނާއާއި ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ގިނަ ފުރުޞަތުތަކެއް އެބަހުރި ކަމުގައިވެސް ޗައިނާގެ ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާގައި ރާއްޖެއިން ޗައިނާއަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި، މިދާއިރާއިން ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމުގައި ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ވިދާޅުވިއެވެ. އަދި މިދާއިރާއިން، ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންގޮސް، މިއަހަރު ފަހުކޮޅު މެކްސިކޯގެ ކަންކުންގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައްދަލުވުމުގައި ހަރުދަނާ ނަތީޖާއެއް ޙާޞިލު ކުރުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޗައިނާއިން ބޭނުންވާކަންވެސް މިނިސްޓަރ ޑެމިންގ ހާމަކުރެއްވިއެވެ.

ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ޗެން ޑެމިންގގެ މިދަތުރުފުޅަކީ، ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީގެ ދަޢުވަތަކަށް، ޗައިނާގެ ވިޔަފާރިވެރިންގެ ވަފްދަކާއެކު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.