22 އޯގަސްޓް 2010
މި އޯގަސްޓް މަހުގެ 3 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި “ބްރޯޑްކާސްޓް ކުރުމުގެ ބިލް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މިއީ، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތުތައް ތަންފީޛު ކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދުމާއި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތައް އެކަށައެޅުމާއި، ބްރޯޑްކާސްޓް ކުރުމުގެ ޢާންމު އުސޫލުތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދެވޭނެގޮތްތައް ބަޔާންކުރުމާއި، ބްރޯޑްކާސްޓްކުރުމާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. 8 ބާބެއްގެ މައްޗަށް އެކުލެވޭ މި ޤާނޫނުގައި ހިމެނެނީ، އިބްތިދާއީ މާއްދާތަކުގެ ބާބާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބާބާއި، ޚިދްމަތުގެ ބާވަތްތަކުގެ ބާބާއި، ލައިސަންސްގެ ބާބާއި، ބްރޯޑްކާސްޓް ކުރާ ކޮންޓެންޓްގެ ބާބާއި، ޚިދްމަތް ފޯރުވައި ދިނުމުގެ ބާބާއި، ޤާނޫނާއި ގަވާއިދާ ޚިލާފުވުމުގެ ބާބާއި، އެހެނިހެން ކަންތައްތައް ހިމެނޭ ބާބެވެ.
މި ޤާނޫނުގެ މަޤްޞަދަކީ، މި ދަންނަވާ ކަންކަމަށް މަގުފަހިކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި، ތަރައްޤީކޮށް، ހިންގުމެވެ.
(ހ) ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުން؛
(ށ) ޤައުމު ބިނާކުރުމަށާއި، ޑިމޮކްރަސީ އާލާކުރުމަށާއި، ދިވެހިރާއްޖޭގެ ދީނީ، ޘަޤާފީ، ސިޔާސީ، އިޖްތިމާޢީ، ޤައުމީ، އިޤްތިޞާދީ، އަދި ފަންނުވެރި ހުނަރުތަކުގެ ފޭރާން ރައްކާތެރިކޮށްދީ، މުއްސަނދިކޮށް ދިނުން؛
(ނ) މި ޤާނޫނުގެ ތަރަހައިގެ ތެރޭގައި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްފަރާތަށްވުރެ ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެގޮތް ހަމަޖައްސައިދިނުމާއި، ތަފާތު ބާވަތުގެ ޚިޔާލުތަކަށާއި، ތަފާތު ވިސްނުންތަކަށް، ފުރުޞަތު ލިބޭނެގޮތް ހަމަޖައްސައި ދިނުން؛
(ރ) ޕަބްލިކް ބްރޯޑްކާސްޓިންގ ޚިދުމަތާއި، އަމިއްލަ މީޑިއާގެ ޚިދުމަތާއި، ކޮމަރޝަލް ބްރޯޑްކާސްޓިންގގެ ޚިދުމަތާއި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގގެ ޚިދުމަތްދިނުމުގެ އުސޫލުތައް ރާއްޖޭގައި ތަޢާރުފުކޮށް ހިންގާނެ ވަސީލަތްތަކެއް ޤާއިމުކުރުން؛
(ބ) ދިވެހިރާއްޖޭގެ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށް މަޢުލޫމާތާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ފޮނުވޭނެގޮތް ހެދުން؛
(ޅ) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ މައިދާނުގައި އިންވެސްޓް ކުރުމަށް މަގުފަހިކޮށްދިނުމާއި، އެ މައިދާނުގައި މާލީ ތަނަވަސްކަން ލިބިގަތުމަށާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުޞަތު ހުޅުވާލުން؛
(ކ) ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ މައިދާނުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ނުދާނެގޮތަށް އެ މައިދާން ބައްޓަންކުރުމާއި، އިންސާފުވެރި ވާދަވެރިކަމަށް ފުރުޞަތު ހުޅުވާލުން؛
(އ) ޙަޤީޤީ މަޢުލޫމާތު ލިބިދެނިވި ޕްރޮގްރާމްތައް ކުރިއެރުވުން؛
(ވ) ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަށް ސަމާލުކަންދޭނެ ބްރޯޑްކާސްޓަރުން އުފެއްދުން؛
(މ) ދިވެހިރާއްޖޭގެ ތަފާތު އެކި ހިސާބުތަކަށް ޚިދުމަތްދޭނެ ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދިނުމާއި، ދެވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކަށް ބްރޯޑްކާސްޓިންގގެ ޚިދުމަތްތައް ފޯރުވައިދިނުން؛
(ފ) އާ އީޖާދުތަކުގެ އެކަށީގެންވާ ބޭނުންތައް ހިފުން ކުރިއެރުވުން؛
(ދ) ދިވެހި އުފެއްދުންތައް، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ކުރިއަރުވައި އާލާކުރުމަށް ބާރުއެޅުން.
މި ދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ސިޔާސަތުތައް ތަންފީޛުކޮށް، އެސިޔާސަތުތައް ދިފާޢުކޮށް، ރައްކާތެރިކުރުމާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެސިޔާސަތާ އެއްގޮތަށް ޢަމަލުތައް ބަހައްޓާތޯ ބަލައި، އެސިޔާސަތުތަކާ އެކި ފަރާތްތަކުން ޚިލާފުވާ ފަހަރުތަކުގައި ފިޔަވަޅު އެޅުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ސިޔާސަތާގުޅޭ އެހެނިހެން ކަންކަން ކުރުމަށާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ޒިންމާދާރު ގޮތެއްގައި ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އުފައްދާ [މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން] މި ޤާނޫނުގެ 3 ވަނަ މާއްދާއިންވަނީ އުފެދިފައެވެ. މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ. ކޮމިޝަން އެކުލެވިގެންވާނީ، މި ޤާނޫނުގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢައްޔަންކުރެވޭ 7 މެންބަރުންގެ މައްޗަށެވެ. އެއިން ކޮންމެ މެންބަރަކީވެސް، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން، ޚާއްޞަކޮށް، ސިޔާސަތު އެކުލަވާލުމާއި، ޤާނޫނާއި އާ އީޖާދުތަކާއި، ނޫސްވެރިކަން އަދި/ނުވަތަ ވިޔަފާރީގެ ރޮނގުން، ތަޢުލީމު ނުވަތަ ތަޖުރިބާ ލިބިފައިވާ، މުޖުތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚްލާޤު ރަނގަޅު، ވަކިފަރާތަކަށް ނުޖެހޭ ޤާބިލު މީހެއް ކަމުގައި ވާންވާނެއެވެ.
ކޮމިޝަނުގެ މެންބަރުން ޢައްޔަންކުރާނީ މި މާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެވޭނެ ގޮތް މި ޤާނޫނުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ޤާނޫނުގައިވާ ގޮތުން، ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތެއް ދޭންވާނީ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ދިނުމުގެ ލައިސަންސެއްގެ ދަށުން، އެ ލައިސަންސްގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސްވުމުންނެވެ.