22 އޯގަސްޓް 2010
ލިޔުނީ: ފުނަމާ
ދިވެހިރާއްޖޭގެ ވެރިކަމަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ހޮވިވަޑައިގެންފައި އެހުންނެވި ރައީސް މުޙަންމަދު ނަޝީދަކީ އެއްގޮތަކަށް ވެސް ވެރިކަމަށް “ކުފޫ” ހަމަވާ “މީހެއް” ނޫނެވެ. އެހެނީ ރާއްޖޭގައި ވޭތުވެދިޔަ ދިގު 30 އަހަރު ވެރިކަންކުރި ފަރާތާ ގާތްކުރާ ކަހަލަ ސިފަތަކެއް ވެސް މިހާރު ރައީސް ކަމުގައި މިހުންނެވި މުޙަންމަދު ނަޝީދުގެއެއް ނެތެވެ.
ތިޔަ ހީފުޅުކުރެއްވީ މުޅިން ރަގަޅަކަށް ނޫނެވެ. މަތީގައި ދަންނަވާފައިވާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ކިތަންމެ އަޑަށް ބާރުލާފައި ގޮވަމުން ދިޔަޔަސް އަޅުގަނޑަށް ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ އެފަދަ ދުވަހެއް ނުވެސް އަންނާނޭ ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ ރާއްޖޭގެ ވެރިކަމަށް ކުފޫހަމަވުމަކީ ކޮބައިބާވައެވެ. ވެރިޔާގެ ނަމުގެ ކުރިޔަށް ޒައީމް ކިޔަން ޖެހޭ ބާވައެވެ.؟ ދީނީ ޢިލްމުވެރިއަކަށް ހެދިގެން ދީނީ ޢިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް ޖަހައިގެން ތުނބުޅި ބޭލުމުގެ ޤާބިލްކަން ހުންނަންޖެހޭ ހެއްޔެވެ؟ ދެން އަންނަ ދައުރެއްގެ ގޮނޑި ގައިމުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބިންހިއްކުމާއި ބަނދަރު ހެދުމަށް ކަޑަޖެހުމުގެ ހުނަރު ލިބިފައިވާން ޖެހޭނެހެއްޔެވެ؟ ދެމީހަކު މަގުމަތިން ބައްދަލުވެ ސަލާން ގަލާންކޮށްލާއިރަށް ސިޔާސީ ކުށްވެރިއަކަށް ހަދައި ޖަލުގައި މަރާލުން ޝަރުޠަކަށް ވާންޖެހޭ ހެއްޔެވެ؟ ނަމުގައި ޖައްވަށް ފަޒާއަށް ބަޑިޖަހައިގެން މީހުންމެރުމުގެ ކުޅަދާނަކަން ހުންނަންޖެހޭނޭ ހެއްޔެވެ؟ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ކްލާސްމޭޓުންނަށް ދައުލަތުގެ މާލިއްޔާ ބައިއަޅާ ހުސްކޮށްލުމުގެ ކުޅަދާނަކަން ހުންނަންޖެހޭނެ ހެއްޔެވެ؟
މިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވުމުގައި މިސިފަތައް ހުރުން ޝަރުޠަކަށް ވާނަމަ ރައީސް ނަޝީދުގެ މިއިން އެއް ވެސް ސިފައެއް ނެތެވެ. ވެރިކަމަކަށް ކުފޫ ހަމައެއް ނުވެއެވެ. ހަމަ ވަގުތުން އިސްތިއުފާދޭންވީއެވެ. ނަމަވެސް އަޅުގަނޑަށް ހީވާގޮތުން މިދެންނެވި ފަދަ ކުފޫ ހަމަވާ މީހަކު ވެރިކަމުގައި ބަހައްޓާކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ. މިފަހަރުވެސް މިދެންނެވުނީ ރަގަޅަކަށް ނޫނެވެ. އެ ފަދަ ކުފޫ ހަމަވާ މީހަކު ވެރިކަމަށް ގެންނަން މަރުދަންޖެހޭ ބަޔަކު އެބަތިއްބެވެ. ރިޝްވަތާ ކޮރަޕްޝަނާ ފަސާދައިން ކަޅިވެ، ޒާތީ ތަޢައްސުބުން ފުރި ބަންޑުންވެފައިތިބި އަދި ހަސަދައާއި ފިތުނައިގެ އަލިފާނުން ރޯވެފައި ތިބި ބަޔަކު އަދިވެސް އެ ކަޅު 30 އަހަރު ގެންނަން ބޭނުމެވެ. ތިމާގެ އަންބޮޑިއަށް ގިނަ ކުރެވެނޭ ގޮތް ހަދާނެ ގޮތެއް އަލުން ހޯދުމުގެ ދަހިވެތި ބޭނުމުގައެވެ.
އެ ދިގު 30 އަހަރަކީ ދިވެހީން މިހާތަނަށް ދުށް އެންމެ އަނިޔާވެރި އަދި ޚިޔާނާތާ ފަސާދައިން ފުރިފައިވާ ކަޅު ދުވަސްތަކެއް ކަން އެތާރީޚަށް ވަދެލުމުން އަންނަން އޮތް ޖީލުތަކުން ވެސް ހެކިވާނެއެވެ. އެހެނީ ކުށެއްނެތި ކިތަންމެ ރައްޔިތުންނެއް ފުރާނައިން އަތްދޮންނަންޖެހި، ކަފުންކުރެވިއްޖެއެވެ. ކިތަންމެ ދީނީ އިލްމުވެރިންނެއް ނުކުޅެދޭ މީހުންނަށް ހަދައިފިއެވެ. ކިތަންމެ ދެމަފިރީންނެއް ގަދަކަމުން ވަރިކުރުވާފައި އެބަހުއްޓެވެ. މިއީ އެ ވެރިކަމުގެ ދެތިން އަހަރަށް ނަޒަރު ހިންގާލިނަމަވެސް ފެންނަން އޮންނާނެ ޙަޤީޤަތްތަކެވެ. ތިރީސް އަހަރުގެ ކަޅު އަނދިރި ސަފްޙާތައް އުކާލައިފިނަމަ ކުރިޔަށް އޮތް 30 އަހަރުވަންދެން ލޮލުން ކަރުނަ ހިކޭނޭ ވަގުތެއް އަންނާނެބާވައެވެ. މިބުނެވިދިޔަ ފަދަ އަނިޔާވެރި ތާރީޚެއް އަނބުރައި އިޔާދަނުކުރެވޭނޭ މީހަކު މިޤައުމުގެ ވެރިކަމުގައި ހުރުމަށް ކުފޫހަމަނުވާނޭ ކަމުގައި ބުނާ ބަޔަކަށްވުރެ އަނިޔާވެރި އަމިއްލަ އެދުން ބޮޑު ބަޔަކު މިއުޑުދަށުގައި ތިބޭނޭ ހެއްޔެވެ؟
ރައީސް ނަޝީދުގެ ވެރިކަން ފެށިގެން އައުމާއެކު ޤައުމުގެ އިޤްތިޞާދު އެބަޔެއްގެ ކޮނޑުން އުހުލައި ގައިބާރުދޫވެ، މުސްކުޅިވެ ނިކަމެތި ހާލުގައި ޖެހިފައިވާ މުސްކުޅީންނަކީ އާލެއް އިޔާރެއް ނެތި އުކާލެވިފައިވާ ބަޔެއްގެ ގޮތުގައި ބޭތިއްބި ބޭތިއްބުން ނިންމާލައި އެމީހުންގެ އަގު ވަޒަންކުރައްވައި، މާލީ ގޮތުން އެހީތެރިވެދެއްވަން ފެއްޓެވުމުގެ އިތުރުން ސިއްޚީ ފަރުވާގެ އެހީތެރިކަން ދެއްވަން ފެއްޓެވީ މުޅިން ހިލެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުން ފެންނަން ފަށައިފިއެވެ. 30 އަހަރުގެ ވެރިކަމުގައި މިކަންދުށީ ހުވަފެނުންނެވެ. ޙަޤީޤަތަކަށް ނުވިއެވެ. ނުވަތަ ނުކުރިއެވެ. މިއަދު އޭނާއަށް އަޅުދާސްތުވެފައި ތިބި މީހުން ރައީސް ނަޝީދު ނިއުސް ވީކްގެ “ވޯލްޑްސް ބެސްޓް 10 ލީޑާރސް” ގެ 2 ވަނަ މަޤާމް ހޯދީ އޮޅުމަކުންނޭ ބުނުމުން އަޅުގަނޑު ހައިރާންނުވީ ލޯ އަނދިރި ބަޔަކަށް އުޑުގައި ހުންނަ ކުލަ ނުދެއްކޭނެކަން އަޅުގަނޑަށް ޔަޤީންވާތީއެވެ.
ދިހަވަރަކަށް ދުވަހުގެ ތެރޭގައި މެދުއަތޮޅުތެރެއިން ވެލިނަގައިގެން ރަށެއް ހިއްކާލުމަކީ މިވޭތުވެދިޔަ ދިގު ޒަމާނުގައި ދިވެހީން ހުވަފެނުންވެސް ދުށްކަމެއް ނޫން ދޮގެއްތޯއެވެ. އެކަމަކު އެމަންޒަރު ބަލަން ލޯ ނުހުޅުވަން ތިއްބަސް މިއަދު އެކަން އެވަނީ ޙަޤީޤަތަކަށް ހަދާފައެވެ. ދިހަވަރަކަށް ދުވަހުން ބޮޑު ރަށެއް ހިއްކާނަމަ ހާދަ ރަށެއް މިދައުރުގައި ހިއްކާނެތާއެވެ. ސިހުނަސް، ރުހުނަސް ނުރުހުނަސް، މިއީ ޙަޤީޤަތެވެ. މިއަދު ލޯމަތީން ފެންނަމުންދާ ބޮޑު މަންޒަރެވެ. އަވާމެންދުރެއް ނޫނެވެ. ދެންނިކަން އެބުނާ ކުފޫ ހަމަވަނީ ކާކުގެތޯ މަޑުމަޑުން ތިބެގެން ވިސްނޭތޯ ބަލަމާ ހިނގާށެވެ. މިއަދު ނުވިސްނުނަސް މާދަމާ ވިސްނޭނެ ކަމާމެދަކު ކުޑަވެސް ޝައްކެއް ނުކުރަމެވެ.