ގެސްޓް ހައުސްގެ ސިޔާސަތާއި އެކީ ރާއްޖޭގެ ރަށްރަށުގެ އިގްތިސާދާއި ރަށުގެ ދިރުން އާކޮށްދޭނެ: ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށައަޅައިފައިވާ ގެސްޓްހައުސްގެ ސިޔާސަތާއި އެކީ ރާއްޖޭގެ ރަށްރަށުގެ އިގްތިސާދާއި ރަށުގެ ދިރުން އާކޮށްދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޙާބަށް “އާ ބާރެއް އެއްބުރުން”ގެ ނަމުގައި އެމަނިކުފާނު ފައްޓަވައިފައިވާ ކެމްޕެއިން ދަތުރުގައި އދ. މަންދޫއަށް 24 އޮގަސްޓް 2013ގައި ވަޑައިގެން އެމަނިކުފާނުވަނީ މަންދޫއަށް އަންނާނެ ބަދަލަށް އަލިއަޅުވައިލައްވާފައެވެ.

އަރިއަތޮޅަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް މުއްސަނދި އަތޮޅެއްކަމަށާއި އަތޮޅުގައި ފަތުރުވެރިކަން މިހާ ކުރިއަރައިފައިވާއިރު އެކަމުން ރައްޔިތުންނަށް ކުރާފައިދާ ކޮބައިތޯ ރަށު ރައްޔިތުން ސުވާލުކުރައްވާތާ 40 އަހަރުވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތާއި އެކީ ރަށަށް ތަރައްގީ އަންނާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަންދޫގައި އެސިޔާސަތު ތަންފީޒުވާން ފެށީމައި ރަށުގައި އައިސް ތިބޭ ފަތުރުވެރިން ވިޔަފާރިކުރަމުންދާނީ ރަށު ކަންމަތީ ފިހާރަ ތަކުންކަމަށާއި، އެކި އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ދީގެން އެހީތެރިކަން ހޯދަން ތިބޭނީ ރަށު ރައްޔިތުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ ރަށުގެ ތަރައްގީ އިންތިހާއަށް އިތުރުވެގެންދާނޭކަމަށް ވިދާޅުވިއެވެ.
މަންދޫއަކީ ކުޑަ އާބާދީއެއްނަމަވެސް ރައީސް ނަޝީދުގެ ސިޔާސަތުގައި ވަނީ ވަޒަން ދޫކޮށް ހިޖުރަ ކުރާ ވާހަކަ ނޫންކަމަށާއި އޭގައި ވަނީ ރަށުގެ ވަސީލަތްތައް ތަރައްގީކޮށް ރަށް ކުރިއެރުވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެގްރިވިޔަފާރީގެ ސިޔާސަތާއިއެކީ ފަސްގަނޑު އެންމެ އެދެވޭ ގޮތަށް ނެތްމަވެސް ސައިންޓިފިކް ގޮތްތައް ބޭނުންކޮށްގެން އެކަންތައް ކުރިއެރުވޭނޭ ގޮތްވެސް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެލިނަމަވެސް ޔަގީންވެގެންދާކަމަކީ ރައީސް ނަޝީދު އިންތިޚާބުގައި އެހެން ކެނޑިޑޭޓުންނަށްވުރެ ކުރިއަރައިގެން ހިގައްޖެކަންކަން ފާހަގަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ރައީސް ނަޝީދު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނޭކަން ޔަގީންވާ ސަބަބުތަކަށް ބައްލަވައިލައްވާފައެވެ. މިގޮތުން އެމްޑީޕީގެ ސިޔާސަތުތައް އެކުލަވައިލައިފައިވަނީ ރައްޔިތުންގެ އިހްސާސްތަކާއިއެކު ކަމަށާއި އެސިޔާސަތުތައް ތަންފީޒުވާނޭކަން ރައްޔިތުންނަށް ޔަގީންވާކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖެ ބަދަލުވަމުންދާ ކަމަށާއި އެކަމެއް ނުހުއްޓުވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝާހިދުގެ ވާހަކަފުޅުގައި މަންދޫގެ ރައްޔިތުންނަށް ރައީސް ނަޝީދު ދެއްވި މެސެޖް ރައްޔިތުންނާއި ހިއްސާކުރައްވާފައިވެއެވެ.