އެމްޑީޕީގެ ކެމްޕޭން ހއ. އަދި ހދ. ގައި ފޯރީގައި ކުރިއަށް

ލިޔުނީ: އަޙްމަދު ސާއިދު މުޞްތަފާ

ދިވެެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެމްޕޭންގެ މަސައްކަތް ވަރަށް ހަލުވިކަމާއި ފޯރިއާއި އެކު ހއ. އަދި ހދ. ގައި ހިނގަމުން އެބަ ދެއެވެ. މި ދެ އަތޮޅުގެ ރަށްރަށަށް ކުރަމުންގެންދާ ކެމްޕޭން ދަތުރުގައި ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރ އަޙްމަދު ސަމީރާއި، ޗެއަރޕާސަންގެ ނައިބު އިދާރީ އަޙްމަދު މައުސޫމާއި، މަތިއުތުރު ޕްރޮވިންސްގެ ރައީސް އާދަމް ނަސީރާއި، ޕްރޮވިންސް ރައީސް މުހައްމަދު ސާމީ އާއި ވައިކަރަދޫ ދާއިރާގެ ރައީސް އަހުމަދު ހާޝިމުވެސް އެސަރަހައްދުގެ ކެމްޕޭންގެ ހަރަކާތްތަކުގައި ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

އިއްޔެ (24 އޯގަސްޓް 2013) ގެ ހަވީރުގެ ވަގުތ ހއ. ދިއްދޫގައި ކަންމަތީގެ ޖަލްސާއެއް މި ކެމްޕޭން ޓީމް އިން ވަނީ ބާއްވަފައެވެ. އަދި މިއަދު ހެނދުނު ވަނީ ހއ. ކެލާއަށް ދަތުރު ކުރައްވާ، ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންނަށް، އިއްޔެ ރަސްމީކޮށް އިފްތިތާހް ކުރެވުނު އެމްޑީޕީގެ މެނިފެސްޓޯ ސާފުކޮށްދެއްވައިފައެވެ.

ހއ.ކެލާ ދަތުރު ނިންމަވާލެއްވުމަށްފަހު މިސަރަހައްދުގައި ކުރިއަށްދާ ކެމްޕޭންގެ ދަށުން ދެން ހިންގޭނެ އެންމެ މުހިންމު ހަރަކާތްތަކަކީ ހދ. ނޭކުރަންދޫގައި މިރޭ (25 އޯގަސްޓް 2013) ބޭއްވޭ ޖަލްސާއާއި މާދަމާ (26 އޯގަސްޓް 2013) ގައި އެރަށުގައި ފޯރިއާއިއެކު ހިންގޭނެ ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތެވެ.