21 އޯގަސްޓް 2010
– ރާމިޒް –
މަތި ދެކުނު ޕްރޮވިންސްގެ ގދ.ހޯނޑެއްދޫގައި އުފެދިފައިވާ އެމް.ޑީޕީގެހަރަކާތްތެރި ގޮތްޕެއް ކަމަށްވާ އެމްޑީޕީ އަޕަރ ސައުތު އިނިޝިއޭޓިވް ގޮފިންއިސްނަގައިގެން އެރަށުގައި ޖަލްސާއެއް ބާއްވައިފިއެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި މިޖަލްސާގައި އަޕަރ ސައުތު އިނިޝިއޭޓިވް ގޮފީގެ ނައިބް ރައީސް ޝަމްއޫން އާދަމް ދެއްކެވި ވާހަކައިގައި މިދުވަސްވަރަކީ ލޯކަލް ކައުންސިލް އިންތިޚާބް ބޯމަތިވަމުން އަންނަ ދުވަސްވަރަށްވާތީ އެރަށުގައި ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެވަރުގަދަކުރަން ޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މިވަގުތަކީ އެންމެން އެއްބައިވާންވީ ވަގުތަކަށްވެފައި، އެމްޑީޕީގެ މެންބަރުންގެ މެދުގައިހުރި ޚިޔާލު ތަފާތުވުންތައް ނައްތާލައި، އެންމެން އެއްގަލަކަށް އެރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވުމަކީ މައްސަލައެއް ނޫންކަމަށާއި އަޅުގަނޑުމެން މިބުނާ އިންޓަރނަލް ޑިމޮކްރަސީ އަކީ އެއީކަމަށާއި އެހެންނަމަވެސް މިކަމުގައި ޒާތީ ވިސްނުމެއް ނުގެންގުޅުއްވައި ޕާޓީގެ ރޫހާއިގެން ކުރިއަށް ދިއުމަށް ޝަމްއޫން އާދަމް ޕާޓީގެ މެންބަރުންނަށް ގޮވާލެއްވިއެވެ.
އަންނަ ސެޕްޓެމްބަރ މަހު ތިންވަނަދުވަހު ބާއްވާ އެމްޑީޕީ ދާއިރާ އިންތިޚާބުގައި މަޑަވެލިދާއިރާގެ ނައީބްރައީސް ކަމަށް އަދި ހޯނޑެއްދޫގެ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ކުރިމަތިލުމަށް އެދިފައިވާ މުޙައްމަދު މައުރޫފް ދެއްކި ވާހަކައިގައި ހޯނޑެއްދޫގެ ކައުންސިލް އަދި ގދ. އަތޮޅު ކައުންސިލް އެމްޑީޕީން ކާމިޔާބު ނުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ހޯނޑެއްދޫގެ އަދި ހުވަދު އަތޮޅުގެ އެމްޑީޕީ މެންބަރުންނަކީ އަބަދުވެސް ސާބިތުކަމާއިއެކު ތިބޭ ބަޔެއްކަން ފާހަގަކުރެއްވިއެވެ. އަދި އެއް އިންތިޚާބުން އަނެއް އިންތިޚާބަށް ހޯނޑެއްދޫގެ އެމްޑީޕީގެ “އަކަމިން” ވަރަށް ރަނގަޅަށް ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.
ހޯނޑެއްދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި މި ޖަލްސާގައި، އަޕަރ ސައުތު އިނިޝިއޭޓިވް ގޮފީގެ ނައީބް ރައީސްގެ އިތުރުން ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް އެދިފައިވާ އަޙުމަދު އާދަމް އަދި ޕާޓީގެ އިސް ބައެއް މެންބަރުން ވާހަކަދެއްކިއެވެ. މިދިޔަ މަހުގެ ފަހުކޮޅު އެމްޑީޕީގެ ފެކްޓްފައިންޑިން ޓީމެއް ވަނީ މިރަށަށް ޒިޔާރަތްކޮށް ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް އެދިފައިވާ ފަރާތްތަކާއި ބައްދަލުކޮށްފައެވެ. މިޓީމުގައި މަޑަވެލިދާއިރާގެ މެންބަރ މުޙައްމަދު ނާޒިމްވެސް ހިމެނިވަޑައިގަންނަވައެވެ.