ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަ ނައިބު ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ހަމަޖައްސަވައިފި

20 އޯގަސްޓް 2010

sawad1

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަނައިބު ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޝަރްޢީ ދާއިރާ ހަރުދަނާވެގެން ދިޔުމަކީ، ސަރުކާރާއި ރައްޔިތުންގެވެސް ވަރަށްބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އެކޮމިޝަންގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ކޮމިޝަންގެ ކަންތައްތައް ރަނގަޅަށް ހިންގަވަމުން ގެންދެވުމުގައި، ޑޮކްޓަރ ސަވާދުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.