އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެ

19 އޯގަސްޓް 2010

މިއަންނަ ސެޕްޓެމްބަރު މަހުގެ 3 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހަވީރު 4.00 އަށް ހަމަވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެއެވެ. މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުން ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގޭގައެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި އިންތިޚާބުކުރެވޭ މަޤާމަ ތަކަކީ ރާއްޖޭގެ 77 އިންތިޚާބީ ދާއިރާއިންކުރެ ކޮންމެ ދާއިރާއަކުން ރައީސް އަކާއި، ނައިބު ރައީސް އަކާއި، ސެކްރެޓަރީ އަކާއި، ސެކްރެޓަރީގެ ނައިބަކާއި، އިންތިޒާމް ސެކްރެޓަރީއެކެވެ.. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރައްވާ އެމްޑީޕީގެ މެންބަރުންނަކީ އެދާއިރާއެއްގެ ރައީސް ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޤަރާރަކުން ނިންމާފައިވާތީ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ތިއްބަވާ ދާއިރާތަކުގައި އިންތިޚާބުކުރެވޭނީ ދާއިރާގެ ރައީސް ނޫން އެހެން މަޤާމްތަކެވެ.
ކުރިން މި އިންތިޚާބު ބާއްވާގޮތަށް ހަމަޖެއްސީ މި އޮގަސްޓް މަހުގެ 28 ވާ ހޮނިހިރު ދުވަހު ނަމަވެސް، މިހާރު މިއަން ނަ ސެޕްޓެމްބަރު 3 ވާ ހުކުރު ދުވަހަށް ދާއިރާ އިންތިޚާބު މިވަނީ ފަސްކުރެވިފައެވެ.