ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ބަންޑާރަ ނައިބު ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފި

19 އޯގަސްޓް 2010

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ބަންޑާރަނައިބު ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޝަރްޢީ ދާއިރާ ހަރުދަނާވެގެން ދިޔުމަކީ، ސަރުކާރާއި ރައްޔިތުންގެވެސް ވަރަށްބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އެކޮމިޝަންގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވައި، ކޮމިޝަންގެ ކަންތައްތައް ރަނގަޅަށް ހިންގަވަމުން ގެންދެވުމުގައި، ޑޮކްޓަރ ސަވާދުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޑޮކްޓަރ ސަވާދު ކުރެއްވިއެވެ.