އެމްޑީޕީގެ ފިކުރަކީ ރައްޔިތުންނަށް ތަރައްޤީއާއި މިނިވަންކަމާއި އުފަލުގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދިނުމުގެ މައްޗަށް ބިނާވެފައިވާ ފިކުރެއް – ޗެއަރ ޕާރސަން މޫސާ މަނިކު

802297098

އެމްޑީޕީއަކީ ރައްޔިތުންނަށް ތަރައްޤީއާއި މިނިވަންކަމާއި އުފަލުގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދިނުމުގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެކްޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރ ޕާރސަން މޫސާ މަނިކު ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ (22 އޯގަސްޓް 2013) ގދ.ތިނަދޫގައި ބޭއްވުނު ކަންމަތީ ޖަލްސާގައެވެ.

ޗެއަރ ޕާރސަންގެ ވާހަކަފުޅުގައި އެމްޑީޕީއަކީ ފިކުރެއްކަމަށް ވިދާޅުވެ، މިފިކުރަކީ ރައްޔިތުންނަށް ތަރައްޤީއާއި މިނިވަންކަމާއި އުފަލުގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދިނުމުގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަން ސާފުކޮށްދެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ،މިހާރު ދިވެހި ރައްޔިތުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށް އޮތް 200 އަހަރު ތެރޭގައި ވެސް ސިޔާސީ ޕާޓީގެ ފިކުރު ފިލާގެން ނުދާނޭކަމުގެ ހެކިތައް ފެންނަމުން އެބަދެއެވެ.

ރީކޯ މޫސާ މަނިކުގެ ވާހަކަފުޅުގައި 2004 ވަނަ އަހަރު އެމްޑީޕީގެ މެމްބަރުން ސިޔާސީ ޕާޓީއެއް ހަދަން އުޅުމުން، އެކަމާ ދެކޮޅު ހައްދަވާ ފުރައްސާރަ ކުރެއްވި ބޭފުޅުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީގެ ކުލަތައް ތިނަދޫއިން ފެނުމުން އެކަމާ އުފާކުރައްވާކަން ފާހަގަކުރެއްވިއެވެ. އޭރުވެސް އެމްޑީޕީ އިން ބުނަމުން އައީ ދިވެހިރާއްޖޭގައި އުފެދިގެން އަންނަ ސަރުކާރަކީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުން އެދޭ ފަދަ ސަރުކާރަކަށް ވާންޖެހޭނެކަމުގައެވެ. މިގޮތުގެ މަތިން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އުފެއްދުނު ޤާނޫނު އަސާސީގެ ދަށުން ހިޔާލުފާޅުކުުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދައިދެވި، ބަންދު ކުރެވޭ މީހާއަށް ވަކީލަކު ލިބޭނެގޮތް ހަމަޖައްސައިދެވި، ވެރިކަން ކުރަވޭނީ 5 އަހަރުގެ 2 ދައުރެއް ހަމަވާގޮތަކަމަށް ކަނޑައެޅިގެން ދިޔަކަން އެމަނިކުފާނުން ފާހަގަކުރެއްވިއެވެ.

2008 ގައި އުފެދިގެން އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް އިޖުތިމާއި ރައްކާތެރިކަން ހޯދައިދީ ތަރައްޤީއާއި ވިޔަފާރީގެ މަސައްކަތުގައި ކުރިއަރައި ދިއުމުން އެކަމާ ހަސަދަވެރިވެ އެމްޑީޕީ އާއި އިދިކޮޅު ބޭފުޅުން ކުރެއްވީ ބަޣާވަތްކަން ވެސް ޗެއަރ ޕާރސަން ރައްޔިތުންނަށް ހަދުމަފުޅު ކޮށްދެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ބާޣާވަތުގެ އަހުލުވެރިންނަށް އެމްޑީޕީ މިއިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުންކަން ޔަޤީންވެގެން އިލެކްޝަން ފަސްކުރުމަށް އެބައިމީހުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. ފެބްރުވަރީ 7 ގައި ހިންގުނު ބަޣާވާތާއި އެމަހު 8 ވަނަ ދުވަހު ހިންގުނު މާރާމާރީއަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވަނީ، ވޯޓުގެ ހައްޤު ރައްޔިތުންގެ ކިބައިން ދެ ވަނަ ފަހަރަށް ފޭރިގަތުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

މިޖަލްސާގައި ޗެއަރ ޕާރސަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ މެމްބަރު އޮނަރަބަލް ޢަބްދުﷲ ޝާހިދާއި ރައްޔިތުން މަޖިލީހުގެ މެމްބަރު މުޙައްމަދު ޝިފާޒާއި ގއ. ގދ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓަރ ޑރ. އައިމިނަތު ޖަމީލު ބައިވެރިވެވަޑައިގެންފައެވެ.